03 Apr 2013, 13:04
އާތާ ބްރަދާސް އިން ރާއްޖޭގައި އިންވެސްޓުކުރުމަށް އުފައްދާފައިވާ ކުންފުނި އުފެއްދުމުގެ ހުއްދަދިނީ އެކަމަށް ޓޫރިޒަމް މިނިސްޓްރީ އިން އެދުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ ފޮރިން އިންވެސްޓްމެންޓްތަކަށް ހުއްދަދިނުމުގެ ބާރު ލިބިފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަށް ކަމަށާއި އެގޮތުން އާތާ ބުރަދާސް އިން އުފައްދާފައިވާ ކުންފުނި އުފެއްދުމުގެ ހުއްދަދިނީ ޓޫރިޒަމް މިނިސްޓްރީ އިން ކަމަށެވެ.
"ފޮރިންއިންވެސްޓްމަންޓް ގާނޫނުގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަކީ ވެސް ފޮރިން އިންވެސްޓްމަންޓް ހިންގުމަށް ހުއްދަދެވޭ މިނިސްޓްރީއެއް. އެގޮތުން އެ މިނިސްޓްރީ އިން މި މިނިސްޓްރީ އަށް ފޮނުވަނީ ނޯއޮބްޖެކްޝަން ސިޓީ. ދެން ޓޫރިޒަމް މިނިސްޓްރީ އިން އެސިޓީ ފޮނުވިގޮތް ތިބޭފުޅުން އެކޮޅުން ސާފުކުރުން ރަނގަޅު ދެން ތިޔަ ވިދާޅުވާ (އާާތާ ބްރަދާސް) ކުންފުނީގެ ކަންތަކުގައި އެސިޓީ (ހުއްދަ ދިނުމުގެ އިއުތިރާޒެއް ނެތް ކަމުގެ) ސިޓީ ފޮނުވާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އިން،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
ކުންފުއްޏެއް އުފެއްދުމުގެ ހުއްދަ ދޭ އިރު އެ ކުންފުނި އުފައްދާ ފަރާތްތަކުގެ ހަގީގަތް ނުބަލަންތޯ ނޫސްވެރިން ސުވާލުކުރުމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ކުންފުނި އުފައްދާ ފަރާތެއްގެ މައުލޫމާތު ހޯދާނީ އެ ކުންފުނި އުފެއްދުމުގެ ހުއްދަދޭ ހިސާބުން ނޫން ކަމަށާއި އެ މައުލޫމާތް ހޯދާނީ ކުންފުނި އުފެއްދުމުގެ ހުއްދަދިނުމުގެ ކުރިން ކަމަށެވެ. އަދި އެ މަރުހަލާ ކުރިއަށްގެންގޮސްފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އިން ކަމަށެވެ. އަދި އެދެ މީހުންނާ ބެހޭ މައުލޫމާތު ފުލުހުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެ މިނިސްޓްރީ އާއި އެއްވެސް މައުލޫމާތެއް ފުލުހުން ފޯރުނުކުރާ ކަމަށާއި އަދި އެ މައުލޫމާތުތަކަށް އެދި މިދިޔަ ހޯމަ ދުވަހު ފުލުހުނަށް ސިޓީއެއް ވެސް ފޮނުވި ކަމަށާއި ނަމަވެސް އަދިވެސް މިހާތަނަށް އެ މައުލޫމާތު ހިއްސާކޮށްދީފައި ނުވާކަމަށް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ޓޫރިޒަމްގެ ވިޔަފާރިކުރުމަށް އާތާ ބުރަދާސް އިން "އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑް" ނަމުގައި އުފައްދާފައިވާ ކުންފުނިން ރާއްޖެ އަށް މުދާވެސް އިމްޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިމްޕޯޓްކޮށްފައި ވަނީ ކޮން ކަހަލަ މުދަލެއްކަމެއް ވިދާޅެއްނުވެ އެވެ.
އާތާ ބްރަދާސް ހިއްސާ އޮންނަ ކުންފުނި އުފެއްދުމުގެ ހުއްދަ ދިނީ ޓޫރިޒަމް މިނިސްޓްރީ އިން ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އިރު އާތާ ބްރަދާސްގެ ދެ މީހުންގެ ވިސާ އިތުރުކޮށްދިނުމަށް އެދިފައި ވަނީ ވެސް ޓޫރިޒަމް މިނިސްޓްރީއިންނެވެ. އެގޮތުން އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީ އިން އިމިގްރޭޝަނަށް ފޮނުވާފައިވާ ސިޓީއެއް ވަނީ އާންމުވެފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ ގިނަ ޖަރީމާތަކެއްގެ ތުހުމަތު އެމީހުންގެ މައްޗަށް ކުރެވޭ އަރުމީނީއާގެ ދެބެން ކަމަށްވާ އާތާ ބުރަދާސްއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ، އާތާ ބްރަދާސްއާ އެކު ރާއްޖެ އައި މީހުންގެ ތެރެއިން އެކަކު ކަމަށް އިއްޔެ އިމިގުރޭޝަނުން ވަނީ ބުނެފަ އެވެ.