03 Apr 2013, 12:47
ރައީސް ނަޝީދު ދެކެވެސް އަދި އެމްޑީޕީ ދެކެވެސް ބިރު ނުގަންނަ ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވަން ބޭނުންވާ ކަމަށް ޕީޕީއެމްގެ މެމްބަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ސީނާ އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ރޭ ކާނިވާ ސަރަހައްދުގެ ސްޓޭޖްގައި ބޭއްވި ޕީޕީއެމްގެ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒާހިރު ވިދާޅުވީ ޔާމިން ފަދަ ގާބިލް ބޭފުޅަކާ އެކު، ޕީޕީއެމް މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ އިރު ރައީސް ނަޝީދު ބައިވެރިވެވަޑައިނުގެންފި ނަމަ އެ އިންތިޚާބުގައި އެއްވެސް ފޯރިއެއް ނުހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ފަނޑިޔާރުންގެ ފަހަތުން ނުދުވެ އަދި ފަނޑިޔާރުން ބަދަލުނުކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ކުޅޭ ފުޓުބޯޅަ މެޗެއްގައި ވެސް "ދަގަނޑޭ" އާއި "އޮއްޕޮ"ފަދަ ކުޅުންތެރިންނާ ނުލާ އެ މެޗެއްގައި ވެސް އެއްވެސް ފޯރިއެއް ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން އެމްޑީޕީ ދެކެވެސް ރައީސް ނަޝީދު ދެކެވެސް ބިރެއް ނުގަނޭ. ޔާމީންގެ ކެންޑިޑެންސީގައި ރިޔާސީ މިސްރާބުގައި ކުރިމަތިލާ އިރު އަޅުގަނޑުމެން ބޭނުންވޭ ރައީސް ނަޝީދު ވެސް އިންތިޚާބުގައި ބައިވެވަޑައިގަންނަވަން. އެހެންނޫނީ މި އިންތިޚާބުގެ އެއްވެސް ފޯރިކަމެއް ނުހުންނާނެ. އަޅުގަނޑުމެން ނުދުވާނަން ފަނޑިޔާރުންގެ ފަހަތަކުން. އަޅުގަނޑުމެން ނޫޅޭނަން ފަނޑިޔާރުން ބަދަލު ކުރާކަށް. އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބު ކުރާނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތް ކޮށްގެން،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި އިދިކޮޅު ފަރާތްތަކުން އަޅުވާފައިވާ ތުހުމަތުތައް ދޮގު ކުރައްވަމުން ޒާހިރު ވިދާޅުވީ ޔާމިން މިނެރަލް ވޯޓާ އިން ފެންވެރި ވާހަކަ އާއި 800 މިލިއަން ޑޮލަރުގެ ވާހަކަ ފަދަ ވާހަކަތަކަކީ ސާބިތު ނުހިފޭ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ޔާމީން އާ އެކު އޮވޭ ފޮލޯކް ވާހަކައެއް. އެދެން އެއްކަލަ ރަންނަމާރި އެރި ގޮތަށް އޮންނަ ވާހަކައެއް. މިސާލަކަށް ދަންނަވާ ނަމަ މިނެރަލް ވޯޓާ އިން ނާނާފުޅު ފިއްލެވި ވާހަކަ. އެއްކަލަ 800 މިލިއަން ޑޮލަރުގެ ވާހަކަ. މާތްﷲ ދެނެވޮޑިގެންވާނީ އެ 800 މިލިއަން ޑޮލަރުވީ ކޮންތާކުތޯ. ޔާމިން ވިދާޅުވާ ފަދައިން އަދި އަދަދަށް ދާނދެން ވެސް އެކަން ޕްރޫފްއެއް ނުކުރެވުނު. ހަމަ އެކަނި ބަޔަކު ދައްކާ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް." ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ގައުމުގައި ފުރިހަމަ ވެރިކަމެއް ކުރެވޭނެ ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް ކަމަށެވެ. އެ ގޮތުން ޔާމިން އަކީ އެ މަނިކުފާނު ރަނގަޅަށް ދަންނަ ވެރިކަން ކުރެވޭ ފަދަ ގާބިލްކަން ހުރި ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ ޔާމީން އަކީ ރައީސް މައުމޫންގެ ސަރުކާރުގައި "ވަކަރަށް ޖައްސަވާފައި" ހުންނެވި ބޭފުޅެއް ކަމަށެވެ.