03 Apr 2013, 12:21
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުވޭތުގެ ވިޔަފާރިއާއި އިގްތިސާދީ ބައެއް ފަރާތްތަކާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުވޭތުގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ޗެއާމަން އަލީ މުހަންމަދު ތުންޔާން އަލް ޣާނިމް އާއި އެ ޗެމްބަރުގެ މެންބަރުންނާއި، ކުވޭތު ފަންޑް ފޮރ އެރަބް ޑިވެލޮޕްމަންޓްގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނެރަލް ހިޝާމް އިބްރާހިމް އަލް ވަޤްޔާނާއި، އޮލްޓަރނޭޓިވް އިންވެސްޓްމަންޓްސް އެޓް ދަ ޕަބްލިކް އޮތޯރިޓީ ފޯ އިންވެސްޓްމަންޓްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ފާރޫޤް އަލީ ބަސްޠަޤީ ހިމެނިވަޑައިގަންނަވައެވެ.
ކުވޭތުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ބަޔާން ގަނޑުވަރުގައި ވަކިވަކިން ބޭއްވި މި ބައްދަލުކުރެއްވުންތަކުގައި، ރާއްޖޭގައި ސަރުކާރުން މިހާރު ފަށްޓަވާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހިނގަމުންދާގޮތާ ބެހޭގޮތުން އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ދެއްވިއެވެ. އަދި އެ މަޝްރޫއުތަކަށް އެފަރާތްތަކުގެ އެހީތެރިކަން ހޯއްދެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ އެ ފަރާތްތަކާ ހިއްސާ ކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.