03 Apr 2013, 11:44
ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެމްޑީޕީން ވަކިވެ ވަޑައިގެން ޑީއާރުޕީއާ ގުޅިވަޑައިގެންފައިވާކަން މިއަދު މަޖިލީހުން އިއުލާންކޮށްފި އެވެ.
މިއަދު ބާއްވަވަމުންދާ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ ޝާހިދު ވިދާޅުވީ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންވާކަން އަންގާ މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔެކިއުންތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުން އަދަދަކީ 29 މެންބަރުން ކަމާއި އަދި ޑީއާރުޕީ މެންބަރުންގެ އަދަދަކީ 15 މެންބަރުންކަން ވެސް ރިޔާސަތުން ވަނީ އަންގަވާފަ އެވެ.
ނަޝީދު ޑީއާރުޕީއާ ގުޅިވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ ޑީއާރުޕީއާ ގުޅުވަޑައިގެންނެވީ އެމްޑީޕީ އާ ދޭތެރޭ ހިޔާލުތަފާތުވުންތަކެއް އުފެދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރެއްވާ ވެސް އެކަން ހައްލު ނުކުރެވުމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.