18 Oct 2010, 15:10
ކުންފުނިތަކުން ހުށަހަޅަން ޖެހޭ 2009 އަހަރުގެ އަހަރީ ރިޕޯޓު ޕްރޮވިންސް އޮފީސްތަކުން ބަލައިގަންނަ ގޮތަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް ސުލްތާނާ މޫސާ މިއަދު ވިދާޅުވީ، ކުންފުނިތަކުގެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ މެދު އުތުރު ޕްރޮވިންސް އޮފީހާއި މެދު ދެކުނު ޕްރޮވިންސް އޮފީހާއި މަތި ދެކުނު ޕްރޮވިންސް އޮފީހުގެ އިތުރަށް މަތި އުތުރު ޕްރޮވިންސްގައި އޮފީހުން ކަމަށެވެ. އަދި އިތުރު ޕްރޮވިންސް އޮފީސްތަކުން ވެސް ރިޕޯޓު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ގޮތަށް ހަމަޖެއްސީ އަތޮޅުތަކުގެ ތެރޭގައި ހިންގަމުންދާ ކުންފުނިތަކުގެ ރިޕޯޓުތައް ސީދާ މިނިސްޓްރީއަށް ހުށަހެޅުމަށް ދަތިވާނެ ކަމަށް ފެންނާތީ، ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެ ޖުލައި 31ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ކުންފުނިތަކުން 2009 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މި މަސް ނިމުމުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
"އަހަރީ ހިސާބުތައް ޕްރޮވިސް އޮފީސްތަކަށް ބަލައިގަންނާނީ 31 އޮކްޓޯބަރު 2010 ގެ 16:00 އާހަމަ އަށް. މި ތާރީޚުގެ ފަހުން ހުށަހަޅާ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ބަލައިގަންނާނީ ޤާނޫނުގައިވާ ގޮތުގެ މަތިން ޖޫރިމަނާކޮށް، ސީދާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް" އެ އިއުލާނުގައިވެ އެވެ.
ނަމަވެސް، އަދިވެސް ގިނަ ކުންފުނިތަކަކުން އަހަރީ ރިޕޯޓު ހުށައަޅާފައިނުވާކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
ކުންފުންޏާ ބެހޭ ޤާނޫނުގައި ބުނަނީ، އަހަރީ ރިޕޯޓު ހުށަނަޅާ ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން ކުށްވެރިވާނެ ކަމަށާއި އަދަބެއްގެ ގޮތުގައި ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބުނެފައި ވަނީ، އަހަރީ ރިޕޯޓު ހުށަނާޅަނީ ޕަބްލިކް ކުންފުންޏެއް ނަމަ އެ ކުންފުންޏެއްގެ މެނޭޖިން ޑައިރެކްޓަރ 30،000ރ. އިން އަދި ޕްރައިވެޓް ކުންފުންޏެއް ނަމަ އެކުންފުންޏެއްގެ މެނޭޖިން ޑައިރެކްޓަރ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.