ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ 19 ވަނަ ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަށް މެޗު އިއްޔެ ކުޅެފައިވެ އެވެ.

މާލޭ ނޭޝަނަލް ޓެނިސް ސެންޓަރު އިއްޔެ ކުޅުނު އަށް މެޗުގެ ތެރެއިން 14 އަހަރުން ދަށުގެ ފިރިހެން ސިންގަލްބައިގެ ފައިނަލް މެޗް ކާމިޔާބުކުރީ ޔުހާން އެވެ. އަދި 14 އަހަރުން ދަށުގެ އަންހެން ފައިނަލް މެޗް ކާމިޔާބުކުރީ އަޔާނި އެވެ.

އިއްޔެ ކުޅުނު މިކްސްޑަބަލް މެޗް ސާއި އާއި ރާޔާގެ ޕެއާއިން ކާމިޔާބުކުރީ 7-6 އަދި 7-5 އިންނެވެ. އަދި އަށް އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގެ ފައިނަލް މެޗް ޒޯޔާ އިއްޔެ ކާމިޔާބުކުރީ 5-1 ލަނޑުންނެވެ.

މީގެއިތުރުން މިކްސްޑަބަލްސް ބައިގައި އިއްޔެ ދެ ވަނަ މެޗް ފާރިސް އާއި ރީމްގެ ޕެއާއިން ކާމިޔާބުކުރީ 6-4 އަދި 6-1 އިންނެވެ.

16 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްބައިގެ މެޗް ރައިކިން އާއި ޑާއޫދުގެ ޕެއާއިން ކާމިޔާބުކުރީ 2-6، 6-3 އަދި 6-2 އިންނެވެ. އަދި އިއްޔެ ކުޅުނު ފިރިހެން ޑަބަލްސްބައިގެ މެޗް ފާރިސް އާއި ސާއީގެ ޕެއާއިން ކާމިޔާބު ކުރީ 6-1 އަދި 6-2 އިންނެވެ.

އެކި އުމުރު ފުރަޔަށް ބަހާލައިގެން ޓީއޭއެމް އިން ބާއްވާ މި މުބާރާތުގައި ޖުމުލަ 83 ކުޅުންތެރިއަކު ބައިވެރިވެފައިވާ އިރު އޭގެތެރޭގައި 54 ފިރިހެން ކުޅުންތެރިންނާއި 29 އަންހެން ކުޅުންތެރިއަކު ހިމެނެ އެވެ.