ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ފްރާންސްގެ ޕެރިސް ސައިންޓް ޖާމައިން އާއި ސްޕެއިންގެ ބާސެލޯނާ ބައްދަލު ކުރި މެޗުގަ ބާސާއިން ދެފަހަ ކުރި ހޯދިނަމަވެސް ޕީއެސްޖީ އިން ބާސާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ރޭގެމެޗުގައި ބާސާއަށް ލީޑު ނަގައިދިނީ އެޓީމުގެ ހުނަރުވެރި ފޯވަޑް ލަޔަނަލް މެސީ އެވެ. ޕީއެސްޖީގެ އޭރިޔާތެރެއަށް ޑެނީއަލްވޭސް ނަގައިދިން ހުރަސް ފަސޭހަކަމާ އެކު ގޯލްގެތެރެއަށް ފޮނުވާލައިގެން މެސީ ބާސާއަށް ލީޑު ނަގައި ދިނީ މެޗުގެ 38 ވަނަ މިނިޓުގަ އެވެ. މެސީގެ އެލަނޑަކީ އޭނާ މިސީޒަންގައި ކާމިޔާބުކުރި 57 ވަނަ ލަނޑެވެ. ބާސާއިން ދެވަނަ ހާފު ފެށީ އެކުލަބަށް ލަނޑުޖަހައިދިން މެސީގެ ކަނާތުފައިގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މެސީގެ ބަދަލުގައި ފްރާންސެސް ފަބްރިގާސްއާ އެކުގަ އެވެ.

ފުރަތަމަ ހާފުގައި ބާސާ އިން ޕީއެސްޖީގެ ގޯލަށް ނުރަށްކާ ކުރި ނަމަވެސް އަމިއްލަ ދަނޑުގައި 45000 ކުޅިބަލާ މީހުންގެ ކުރިމަތީގައި ހިތްވަރާ އެކު ކުޅެމުންދިޔަ ކާލޯ އެންޗެލޮޓީގެ ޓީމުން ވަނީ ދެވަނަ ހާފު ފެށުމާ އެކު ބާސާގެ ގޯލަށް ނުރަށްކާކުރަން ފަށާފަ އެވެ. އެގޮތުން ޕީއެސްޖީ ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ ބާސާގެ ކުރީގެ ފޯވަޑް ޒްލަތަން އިބްރަހިމޮވިޗް އެވެ. މެޗުގެ 79 ވަނަ މިނިޓުގައި ބާސާގެ އޭރިޔާތެރެ އިން އިބްރަހިމޮވިޗް ފޮނުވާލި ބޯޅަ ގޮސްވަނީ ބާސާ ގޯލްގެ ވާތްފަރާތު ތިރީ ކަނަށެވެ.

މެޗުގައި ދެވެނަ ފަހަރަށް ބާސާ ކުރިހޯދީ އެލެކްސިސް ސަންޗޭޒް ޕީއެސްޖީގެ ގޯލްއޭރިޔާ ތެރެއަށް ބޯޅަހިފައިގެން ވަންނަން އުޅުމުގެ ތެރޭގައި ގޯލްކީޕަރު ސަލްވާޓޯ ސާރިގު އަތުގައި އަޅައިގަނެގެން ސަންޗޭޒް ވެއްޓުމުން ރެފްރީ ބާސާއަށް ދިން ޕެނަލްޓީ އިންނެވެ. މެޗުގެ 89 ވަނަ މިނިޓުގައި އެ ޕެނަލްޓީ ބާސާއަށް ކާމިޔާބުކޮށްދިނީ އެކުލަބުގެ ކެޕްޓަން ޒަވީ ހެނަންޑޭޒް އެވެ. ބާސާއިން ތިން ޕޮއިންޓް ގާތްގަނޑަކަށް ޔަގީންކޮށްގެން ތިއްބާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ޕީއެސްޖީ އަށް ހަމަހަމަކޮށްދިނީ މެޗުގެ ފަހުހާފުގެ އިތުރުވަގުތުގެ ގޮތުން ދެއްކި ހަތަރު މިނިޓުގެ ފަހު ވަގުތު ކޮޅުގައި އިބްރަހިމޮވިޗް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ބްލެއިސީ މަޓިއުޑީ އެވެ. މަޓިއުޑި ފޮނުވާލިބޯޅަ ގޯލަށް ވަނީ ބާސާގެ ކީޕަރު ވިކްޓާ ވަލްދޭސްގެ އަތުގައިވެސް ޖެހިފަ އެވެ.

ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަކު ކުރާމެޗު އޮންނާނީ މި މަހު 10 ވަނަ ދުވަހު ބާސެލޯނާގެ އަމިއްލަ ދަނޑުގަ އެވެ.