03 Apr 2013, 09:43
ވޮޝިންޓަން (އެޕްރީލް 3): ފަގީރުކަމުގެ އެންމެ ނުރައްކާތެރި ޙާލަތު ކަމަށްވާ "އެބްޒެލުޓް ޕަވަޓީން"(ފަގީރުކަން އެެއްކޮށް ނައްތާލުން) 2030 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ ގައުމުތައް ސަލާމަތްވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔުންގް ކިމް ވިދާޅުވީ ދުނިޔެ އިން ފަގީރުކަން އެއްކޮށް ފިލުވާލުމަށް އަދި ދިގުމުއްދަތެއް ނަގާނެ ކަމަށާ މިހާރުގެ އަންދާޒާ ތަކަށް ބަލާ އިރު 2030 ވަނަ އަހަރާ ހަމައަށް ދާއިރު ފަގީރު ކަމުގެ އެންމެ ނުރައްކާތެރި ޙާލަތުން ދުނިޔޭގެ ރައްޔިތުން ސަލާމަތް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ. ޖިމް ވިދާޅުވީ ފަގީރުކަން ކުޑަކުރުމަށް ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މިމަސައްކަތްތައް ވަރަށް ކާމިޔާބު ކަމުގަ އެވެ. ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބޭންކްތަކާއި ވިޔަފާރީގެ އިންވެސްޓްމަންޓްތައް އެކަމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ޖޯޖް ޓައުން ޔުނިވަރސިޓީގައި ތަގްރީރު ކުރައްވަމުން ޖިމް ވިދާޅުވީ ފަގީރުކަމުން އަރައިގަތުމަށްޓަކައި ކުރިން ތަނަވަސްވެފައިނުވާ އެތަށް ފުރްސަތުތަކެއް ދުނިޔެ އަށް މިހާރު ތަނަވަސްވެފައިވާ ކަމުގަ އެވެ. މިފުރްސަތުތައް ތަނަވަސްވީ ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ސަބަބުން ކަމުގަ އެވެ. އެހެންކަމުން މިފުރްސަތުތަކުގެ ބޭނުންހިފައި ތަރައްގީގެ ދުވެލި ހަލުއިކޮށް ފަގީރުކަންކަން ކުޑަކުރުމަށް އިތުރު ހިއްވަރެއްލުމަށް ދުނިޔޭގެ ލީޑަރުންނަށް އޭނާ ގޮވާލެއްވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފަގީރުކަން ކުޑަކުރުމަށް ޓަކައި ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި ޗައިނާ އާއި ބްރަޒިލްއާއި އިންޑިޔާ އިން ވަނީ ކާމިޔާބު މަސައްކަތްތަކެއްކޮށް ސަތޭކައެއްހާ މިލިޔަން ފަގީރުން ފަގީރުންގެ ޙާލަތުން މެދުފަންތީގެ އިޤްތިސާދީ ޙާލަތަށް ގެނައުމުގައި ކާމިޔާބު ހޯދާފަ އެވެ. (އަލްޖަޒީރާ)