03 Apr 2013, 09:36
ނިއުދިއްލީ (އެޕްރީލް 3): އިންޑިޔާގައި ހުންނަވާ އިޓަލީގެ ސަފީރު ޑެނިޔިލީ މަންޗީނީ އިންޑިޔާ އިން ބޭރަށް ފުރާވަޑައިގަތުން މަނާކޮށްފައި އޮތް އޮތުން އިންޑިޔާގެ ސުޕްރީމް ކޯޓުން ނިމުމަކަށް ގެނަސްފި އެވެ.
އިންޑިޔާގެ ޝަރުޢީ ދާއިރާއާ ޙަވާލާދީ އެގައުމުގެ މީޑިޔާ ބުނި ގޮތުގައި އިންޑިޔާގައި ހުންނަވާ އިޓަލީގެ ސަފީރު ޑެނިޔެލީ މަންޗީނީ އިންޑިޔާ އިން ބޭރަށް ފުރާވަޑައިގަތުން ނިމުމަކަށް ގެނަސް ފުރާވަޑައިގަތުން ހުއްދަކޮށްފިކަން ސުޕްރީމްކޯޓުން ނިންމައި އެކަން މިހާރު ވަނީ އިންޑިޔާގެ ޚާރިޖިއްޔާ މެދުވެރިކޮށް އޭނާއަށް އަންގާފަ އެވެ. އިޓަލީގެ ސަފީރު އިންޑިޔާ އިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް މީގެ މަހެއްހާ ދުވަސްކުރިން އިންޑިޔާގެ ސުޕްރީމް ކޯޓުން ނެރުނީ އިންޑިޔާގެ ދެމަސްވެރިއަކު މަރާލި ކަމަށް ތުހުމަތުކުރެވޭ އިޓަލީ ސިފައިންގެ ދެ މީހެއްގެ މައްޗަށް ހިންގަމުން ގެންދާ ޝަރީޢަތަށް އެ ދެ މީހުން ޙާޒިރު ކޮށްދޭނެ ކަމުގެ ޖާމިނުވުން ސަފީރު ދެއްވާފައިވަނިކޮށް އެދެ މީހުން ޝަރީޢަތަށް ޙާޒިރުވުމަށް ޓަކައި އެނބުރި އިންޑިޔާ އަށް އައުމަށް އެދެމީހުން ދެކޮޅު ހެދުމުންނެވެ.
ނަމަވެސް އިޓަލީ ކަނޑުގެ ސިފައިންގެ އެ ދެ މީހުންގެ މައްޗަށް ޝަރީޢަތް ހިންގުމަށް ޓަކައި އެ ދެ މީހުން އަލުން އަނބުރައި އިންޑިޔާއަށް ފޮނުވުމަށް އިޓަލީ ސަރުކާރުން މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އެއްބަސްވުމަށް ފަހު އެ ދެމީހުން މިހާރު އިންޑިޔާއަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ދެމީހުން އަލުން އަނބުރައި އިންޑިޔާ އަށް ފޮނުވުމަށް ނިންމީ އެދެމީހުންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގުމަށާއި ހެޔޮކޮށް މުޢާމަލާތް ކުރުމަށާއި އަދި އެދެމީހުންގެ އިންސާނީ ހުރިހާ ޙައްޤުތަކެއް ފުރިހަމައަށް ޙިމާޔަތް ކޮށްދޭނެކަމުގެ ޔަގީންކަން އިންޑިޔާ ސަރުކާރުން ދިނުމުން ކަމަށް އިޓަލީން ކުރިން ބުނެފައިވެ އެވެ.
އިންޑިޔާގެ ދެ މަސްވެރިއެއްގެ ގަޔަށް ބަޑިޖަހައި މެރިކަމަށް ކަމަށް ތުހުމަތުކުރެވޭ އިޓަލީ ކަނޑުގެ ސިފައިންގެ ދެ މީހުން ކަމަށްވާ މަސީމިލިޔާނޯ ލަތޯރީ އާއި ސެލްފާތޯރީ ޖިރޫނީ މައްޗަށް ޝަރީޢަތް ކުރުމަށްޓަކައި އެދެމީހުން ނިއުދިއްލީގައި ތިބުމަށް ފަހު އެނބުރި އިޓަލީއަށްދިޔައީ އިޓަލީގައި މިދިޔަ ފެބްރުއަރީމަހު ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް ޓަކައި ހަތަރު ހަފްތާގެ މުއްދަތަށެވެ.
މަސީމިލިޔާނޯ ލަތޯރީ އާއި ސެލްފާތޯރީ ޖިރޫނީގެ މައްޗަށް އިންޑިޔާ އިން ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިޔާގެ ކެރެލާ ސްޓޭޓްގެ އައްސޭރިފަށުގައި މަސްވެރިކަން ކުރަމުންދިޔަ އިންޑިޔާ ދެމީހެއްގެ ގަޔަށް އެއްވެސް ޙައްގަކާނުލައި ބަޑިޖަހައި މަރާލުމުގެ ޖަރީމާ ހިންގި ކަމުގެ ދައުވާ އެވެ. އިޓަލީ ކަނޑުގެ ސިފައިންގެ ދެމީހުން އޭރު ޙަރަކާތްތެރިވަމުން ދިޔައީ އިންޑިޔާގެ ކަނޑުގެ އައްސޭރިފަށުން ދަތުރުކުރަމުން ދިޔަ އިޓަލީގެ ތެޔޮޓޭންކަރެއް ގާޑު ކުރަމުންދިޔަ އިޓަލީގެ ކަނޑުގެ ސިފައިންގެ ބޯޓެއްގަ އެވެ. އިންޑިޔާ ދެމަސްވެރިންގެ ގަޔަށް ބަޑިޖެހީ އެއީ ކަނޑުފޭރޭ ބައެއް ކަމަށް ހީވެގެން ކަމަށް އިޓަލީ ސިފައިންގެ ދެމީހުން ބުނެ އެވެ. މިމައްސަލާގައި އިޓަލީން ބުނަނީ ބަޑިން ޙަމަލާދިން ވަގުތު އެގައުމުގެ ތެޔޮޓޭންކަރާއި އެޓޭންކަރު ބަލަހައްޓަމުން ދިޔަ ސިފައިންގެ ބޯޓު އޮތީ ބައިނަލްއަޤްވާމީ ކަނޑުގައި ކަމުގަ އެވެ.
އިންޑިޔާގެ މަސްއޫލު ވެރިއަކު އިއްޔެ ވިދާޅުވީ އިންޑިޔާގެ ދެމަސްވެރިއަކު މަރާލި ކަމަށް ތުހުމަތުކުރެވޭ އިޓަލީ ސިފައިންގެ ދެމީހުންގެ މައްސަލަ ތަޙްޤީޤް ކުރުމުގެ ކަންތައް ދެން ކުރިޔަށްގެންދާނީ އިންޑިޔާގެ ފެޑްރަލް ތަޙްޤީޤްތަކާ ބެހޭ ނެޝަނަލް އެޖެންސީން ކަމުގައެވެ. މިއެޖެންސީގެ ތަޙްގީގުތަކަށް ފަހު މިމައްސަލައިގެ ޙުކުމް އިއްވާނީ ކަމާގުޅޭ ކޯޓަކުން ކަމަށް ވެސް އިންޑިޔާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)