ލ. އިސްދޫގައި ހުންނަ އިސްދޫ ކަލައިދޫ ސްކޫލުގައި ތަޅުއަޅުވައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެ ސްކޫލުގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑަލައިފި އެވެ.

އިސްދޫ ކަލައިދޫ ސުކޫލުގެ ހެޑް އޮފް ސުކޫލް ހުސެއިން ޝަރީފް މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެރަށު ސްކޫލުގައި ބަޔަކު ތަޅުއަޅުވައި ބަންދުކޮށްފައި ހުއްޓާ ފެނިފައި ވަނީ މިއަދު ހެނދުނު ސްކޫލު ހުޅުވަން ދިޔަ ވަގުތު ކަމަށާއި އެއީ ބެލެނިވެރިން ކުރިކަމެއް ނޫން ކަމަށާއި އެއީ "ޖިނާއީ ކުށެއް" ގޮތުގައި ބަޔަކު ކުރިކަމެއް ކަމަށެވެ. އަދި ފުލުހުން މިހާރު އެތަޅު ހުޅުވާފައިވާ ކަމަށާއި އަދި އެ ސްކޫލު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސްކޫލަށް އައި އިރު ސްކޫލުގައި ތަލުއަޅުވާފަ ހުރީ، ދެން އަޅުގަނޑުމެން މިމަސައްކަތް ކުރަނީ މިއަދު 10:00 ޖަހާކަންހާ އިރު ކިޔަވައިދޭންފެށޭތޯ. އެކަމަކު އެކަމަކަށް ޔަގީންކަމެއް ނެތް އަޅުގަނޑުމެނަށް ކުދިންނަށް އެންގިއްޖެއްޔާ ހުޅުވޭނީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސްކޫލު ހެނދުނު ހުޅުވަން ދިޔަ ވަގުތު އެ ސްކޫލުގެ ބޭރުގޭޓުގަޔާއި ސްޓާފްރޫމާއި ސްކޫލު އޮފީހުގައި ވެސް ތަޅުއަޅުވާ ބަންދުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިސްދޫ ސްކޫލުގައި ތަޅު އަޅުވައި ބަންދުކޮށްފައި ހުރި މައްސަލައެއް ފުލުހުނަށް މިއަދު ހެނދުނު ހުށައަޅާފައިވާ ކަމަށާއި މިހާރު ފުލުހުން އެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.