03 Apr 2013, 08:24
ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް އެއްބާރުލުން ދެއްވުމުގެ ވިސްނުންފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންގެ ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެންބަރު ޝިފާގް މުފީގް (ހިސްޓޯ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ޝިފާގް ވިދާޅުވީ ރައީސް ވަހީދުގެ އަމަލުފުޅުތައް މިހާރު ބަހައްޓަވާ ގޮތަށް ބަލާއިރު ރައީސް ވަހީދު، އެމަނިކުފާންގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ވީއްލުމުގެ ފިކުރެއް ނުވަތަ އެއްބާރުލުން ދެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަކަށް ހީއެއް ނުވޭ މިހާރު ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުރި ގޮތުން އަޅުގަނޑުމެންގެ މަސައްކަތަށް އެއްވެސް ވަޒީރެއް ވީއްލަވާ ކަހަލަ ވިސްނުންފުޅެއް ގެންގުޅުއްވާ ހެން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއީ ވަޒީރުން ރައީސުލްޖުމްހޫރިއްޔާ އަރިހު އަބަދުވެސް އެ އުޅުއްވަނީ ތަފާތު އެކި ދަތުރުތައް ކުރެއްވުމުގައި. ވެދާނެ އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އަރިހު ދަތުރުތައް ކުރެއްވުމަށް އެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކެމްޕޭން ކޮށްދެއްވުމުގައި ކަމަށް. އެހެންވެ ވަގުތު ނުވަނީ ކަމަށް. ދައުލަތުގެ ތަންފީޒީ ބާރުގެ އެންމެ މަތީ ވެރިޔާ އަޅުގަނޑުމެންގެ މަސައްކަތަށް އެއްބާރުލުން ދެއްވަން ބޭނުންފުޅު ނުވާ ކަމުގެ ހެއްކަކީ އާޓިފިޝަލް ބީޗަށާއި އެތަން މިތަނަށް ރައްޔިތުންގެ އެއް ކުރައްވައިގެން އެ އުޅުއްވަނީ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހަޖޫ ޖެއްސެވުމުގައި. ހެއްދެވި ނެހެއްދެވި އެއް ގޮވަމުން." ޝިފާގް ވިދާޅުވި އެވެ.
ޝިފާގް ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރު ދެމެހެއްޓުމަށަޓަކައި އެމްޑީޕީ ފިޔަވައި ހުރިހައި ޕާޓީތަކެއް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ވަހީދު އެމަނިކުފާނުގެ ސަރުކާރު ދިފާއު ކުރެއްވުމަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް އިހްތިރާމް ކުރައްވާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް ޝިފާގް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގައި ޝިފާގް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އެ ކޮމެޓީން ދިރާސާ ކުރަމުންދާ ބިލެއް ކަމަށްވާ ބަނގުރާ އާއި އޫރު މަސް އެތެރެ ކުރުން މަނާ ކުރާ ބިލަށް ބޭނުންވާ މައުލޫމާތު ދެއްވުމަށް ވަޒީރުން ކޮމެޓީ އަށް ހާޒިރު ނުވާ މައްސަލައިގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ދިރާސާ ކުރަމުންދާ ބަނގުރާ އާއި އޫރު މަސް މަނާ ކުރުމުގެ ގާނޫނަށް މައުލޫމާތު ދިނުމަށް ހާޒިރު ވުމަށް އަންގާފައި ވަނީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ފިނޭސް މިނިސްޓަރު އަބްދުﷲ ޖިހާދާއި، ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އަދި އިސްލާމިކް މިނިސްޓަރު އައްޝޭހް މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެ ވަޒީރުން ކޮމެޓީ އަށް ހާޒިރު ވުމަށް ތިން ފަހަރެއްގެ މަތިން ކޮމެޓީން ވަނީ އެ ބޭފުޅުންނަށް އަންގައިފަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށް މިއިން އެއްވެސް ބޭފުޅަކު ކޮމެޓީއަށް ހާޒިރު ވެފައި ނުވާ ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.