03 Apr 2013, 08:18
ފ. އަތޮޅު ކައުންސިލް އިދާރާގައި ބަޖެޓްގެ ދަތިކަން ބޮޑުވެގެން ކަމަށް ބުނެ އެ ކައުންސިލްގެ މަސައްކަތްތައް ހުއްޓައިލައިފި އެވެ.
ފ. އަތޮޅު ކައުންސިލުން ބުނީ އާބާދީގައި ފަސްހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފ. އަތޮޅުގެ އަތޮޅު ކައުންސިލް އިދާރާގެ މަސައްކަތް ހުއްޓާލީ ބަޖެޓްގެ ތާށިކަން ވަރަށް ބޮޑަށް ކުރިމަތި ވެފައި ވާ ކަން ފިނޭންސަށް އެންގުމަށްފަހު ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރާ ބައްދަލުކޮށް ކައުންސިލް ހިންގޭ ވަރަށް ކޮންމެހެން ލިބެންޖެހޭ ފައިސާ ނުލިބޭނަމަ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާ ބަންދުކުރުމަށް އެ ބައްދަލުވުމުގައި ނިންމަފާއިވާ ކަމަށެވެ. ނަމަވެސް ފ. އަތޮޅު ކައުންސިލް އިދާރާ ހިންގުމަށް ދީފައިވަނީ ކިހާ ވަރެއްގެ ބަޖެޓެއް ކަމެއް ސާފެއް ނުވެ އެވެ.
އެ ކައުންސިލުން އަދި ބުނީ މާޗު މަހުގެ ނިޔަލަށް އެ އިދާރާ ހިންގައިފައި ވަނީ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކުގެ އައިޓަމް ފިޔަވައި އެހެން އައިޓަމްތަކުން ފައިސާ ބަދަލުކޮށްގެން ކަމަށެވެ.
ފ. އަތޮޅު ކައުންސިލުން ބުނީ އައިޓަމްތައް ބަދަލު ކޮށްގެން ވެސް މާޗްމަހުގެ ފަހުން ކައުންސިލް އިދާރާ ހިންގެން ނެތުމުންނާއި ކައުންސިލަށް ފައިސާ ލިބިފައި ނުވާތީ އިތުރަށް އެ އިދާރާއިން ޚިދުމަތް ދެވެން ނެތުމުން އިއްޔެއިން ފެށިގެން ކައުންސިލް އިދާރާ ބަންދު ކުރާން ނިންމީ ކަމަށެވެ.
އެ ކައުންސިލުން އަދި ބުނީ މިއަހަރުގެ ބަޖެޓް ލިބުނު އިރުން ފެށިގެން ބަޖެޓްގެ މައްސަލައާ ގުޅޭގޮތުން ފިނޭންސާ މަޝްވަރާ ކުރަމުންދިޔަ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ފައިސާ ހަމަޖެހިފައި ނުވާތީ ކައުންސިލް އިދާރާ ބަންދުކުރީ ކަމަށެވެ.
އެކަމާ ގުޅިގެން ފިނޭންސްގެ ކަމާބެހޭ ބޭފުޅެއްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގޭ ވަރަށް ބަޖެޓް ނެތުމުން ކައުންސިލް އިދާރާ ބަންދުކޮށްފައިވާއިރު، ކައުންސިލްތަކަށް މިއަހަރު ދީފައިވާ ބަޖެޓް ކުޑަކަމުން އެ ކައުންސިލްތައް ހިންގޭން ނެތް ކަމުގެ ޝަކުވާ ވަނީ ގިނަ ކައުންސިލްތަކަކުން ކޮށްފަ އެވެ.