ނަފްސާނީ ބައްޔާއި ވެއްޓޭ ބަލި ހުންނަ މީހުންގެ ތެރެއިން ޑިސެންބަރު މަހުގެ ކުރިން ރަޖިސްޓްރީ ނުކުރާ މީހުންނަށް އަންނަ އަހަރުން ފެށިގެން ހިލޭ ބޭސް ދޫނުކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.


ނަމަވެސް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލުގެ ޕްރޮގްރާމް ކޯޑިނޭޓަރު އުބޭދުﷲ ތައުފީގް މިއަދު ވިދާޅުވީ ބައެއް ބަލި މީހުންގެ މައުލޫމާތު ރަށް ރަށުން އެ ސެންޓަރަށް ފޮނުވުމުގައި އޮޅުންތަކެއް އަރާފައިވާކަމަށެވެ.


"ރަށްރަށުން ފޮނުވާފައިވާ މައުލޫމާތުގައި އޮޅުންތަކެއް އެބަހުރި. ރަޖިސްޓްރީ ނުވާ ބޭފުޅުން ރަޖިސްޓްރީ ވުމަކީ މުހިންމު ކަމެއް. ރަޖިސްޓްރީ ނުވާ ބޭފުޅުން ނަކަށް އަންނަ އަހަރުން ފެށިގެން ބޭސް ނުލިބޭ ގޮތަށް މި އޮންނަނީ."


މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ރަޖިސްޓްރީވެ ފަރުވާ ހޯދަމުންދާ މީހުންނާއި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ މީހުން ފޯމު ފުރިހަމަ ކުރުމަށް ފަހު  މާލޭގައި ނަމަ ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލުގެ ކައުންޓަރަށް، އަތޮޅުތަކުން ނަމަ އެ ރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލަށް 30 ނޮވެންބަރު 2010 ގެ ނިޔަލަށް ފޯމު ހަވާލުކުރަން ވާނޭ ކަމަށެވެ.