އެކުގައި އެތައް ދުވަހެއް ވާންދެން އުޅުނު ބައިވެރިޔާއާ ގުޅުން ކަނޑައިލުމަކީ ފަސޭހަ ކަމެއް ނޫނެވެ. "ކޮމްޕްލިކޭޓެޑް" ނުވަތަ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި އެތައް ދުވަސްތަކެއް ވެއަތު ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް ނިމުން އަތުވެއްޖެ ކަމަށް ގަބޫލު ކުރުން ނުވަތަ ނިމުން ގެންނާން ވެއްޖެ ކަމަށް ހިތުން އެއްބަސް ވުމަކީ އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް މި ކަމަކީ ކޮންމެވެސް ވަގުތަކުން ކުރާން ޖެހޭ ކަމެކެވެ. ވަރަށް ގިނަ ފަހަރު އެވެ.

"ބްރޭކްއަޕް" ނުވަތަ ރުޅިވުމުގެ ވަގުތު ނޫން ނަމަ ދެ ބައިވެރިންގެ ގުޅުން ނިމުމަކަށް ގެނައުމުގެ ވަގުތު ޖެހިއްޖެ ކަން ދެނެގަތުމަކީ ގިނަ މީހުނަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. މިހެން ގިނަ ފަހަރަށް ދިމާވަނީ ދެބައިވެރިން ވެސް އެ ގުޅުން ފެއިލް ވެއްޖެ ކަމަށް ގަބޫލުކުރާން ބޭނުން ނުވާތީ އެވެ. ވަރަށް ބޮޑު ކަންތައްގަނޑެއް ދިމާ ނުވާހާ ހިނދަކު، އާންމު ގޮތެއްގައި މަސައްކަތް ކުރެވެނީ އެކުގައި މަސައްކަތް ކޮށްގެން މައްސަލަތައް ހައްލުކުރުމަށެވެ. ދުވަސްވީ ގުޅުން ތަކުގައި މި ގޮތުގެ މަތީން މައްސަލަތައް ހައްލުކުރުމަށް ކުރެވޭ ހިތްވަރު ބޮޑެވެ.

ސުވާލު އަދި ވެސް އޮތީ އެވެ. ސުވާލަކީ ގުޅުން ކެނޑިއްޖެކަން ނުވަތަ ގުޅުމަށް ނިމުން އަތުވެއްޖެކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ ގުޅުމަށް ނިމުން ގެންނާންވީ ވަގުތު ޖެހިއްޖެކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟

ދެބައިވެރިއެއްގެ ދެމެދުގައި އޮތް ގުޅުން ކެނޑިއްޖެ ކަމަށް ނިންމިދާނެ ވަރަށް މުހިންމު ތިން އަސާސެއްގެ މައްޗަށް ފުރަތަމަ ބަލައިލަމާ ހިނގާށެވެ.

1. ތިބާގެ ބައިވެރިޔާ ހިލޭ އަންހެނެއް ނުވަތަ ހިލޭ ފިރިހެނަކާ އެކު ނަހަމަ ގުޅުމެއް ބާއްވަމުން އަންނަކަން ޔަގީން ކުރެވުން

2. ތިބާއަށް ތިބާގެ ބައިވެރިޔާ ޖިސްމާނީ އަނިޔާ ކުރުން

3. ބައިވެރިޔާ އާއި ތިބާއާ ދެމެދު އެއްވެސް ކަމެއްގައި ޚިޔާލު އެއްގޮތް ނުވެ، ހުރިހާ ކަމެއްގައި ދެބަސްވެ، ޒުވާބު ކުރާން ޖެހުން

މި ތިން ކަމުން ކުރެ ކަމެއް ދެބައިވެރިންގެ ދެމެދުގައި ވާ ނަމަ ގުޅުމަށް ނިމުން އަތުވެއްޖެ ކަމަށް ނިންމިދާނެ އެވެ. ނުވަތަ ގުޅުމަށް ނިމުން ގެންނާން ވެއްޖެ ކަމަށް ނިންމިދާމެ އެވެ. ވަކީން ޚާއްސަ ގޮތެއްގައި ދެވަނަ ނަންބަރުގައި ބަޔާން މިކުރި ސަބަބަކީ ގަބޫލު ކުރިޔަސް ނުކުރިޔަސް، ކޮންމެވެސް އެއް ހިސާބަކުން ތިޔަ ގުޅުމަށް ނިމުން ގެނުވާނެ ކަމެކެވެ. އަވަހަށް ނުވަތަ ލަހުންނެވެ.

ދެބައިވެރިއެއްގެ ދެމެދުގައި އޮތް ގުޅުން ނިމުމަކަށް ގެނައުމަށް ސީރިއަސްކޮށް ވިސްނާން ޖެހޭ އެހެން ބައެއް ސަބަބުތަކަށް ވެސް ބަލައިލާނަމެވެ.

1. ތިބާގެ ބައިވެރިޔާ ދެކެ ލޯބި ނުވެވޭކަމުގެ އިހުސާސް ކުރެވުން

2. "ސިންގަލް" ނުވަތަ ބައިވެރިޔާކާ ނުލައި ދިރިއުޅުނު ދުވަސްވަރު ހަޔާތް މާ އުފާވެރިކަމުގެ އިހުސާސް އަބަދުމެ ކުރެވުން

3. ތިބާގެ ބައިވެރިޔާ ތިބާ ދެކެ ލޯބި ނުވާކަމާއި އޭނާ ތިބާއާ އެކު އުޅެނީ ތިބާ ދޫކޮށްލާން ނުކެރިގެން ކަމަށް އިހުސާސް ކުރެވުން

4. ދެބައިވެރިންގެ ދެމެދުގައި އެއްގޮތް ކަންތައްތަކެއް ނެތުން ނުވަތަ އެއް އަމާޒަކަށް ދަތުރުކުރުމުގެ ވިސްނުމެއް ނެތުން

5. ބައިވެރިޔާގެ ފުށުން ފެންނަ ބައެއް އާދަތަކުގެ ސަބަބުން ތަކުރާރުކޮށް އުނދަގޫވަމުން ދިޔުން އަދި ބައިވެރިޔާ އެކަންކަން ބަދަލު ނުކުރާނެކަން އެނގުން

6. ބައިވެރިޔާ އެއްވެސް ކަމެއްގައި ތިބާގެ އަގު ވަޒަން ނުކުރުން، އެހެން މީހުންގެ ކުރިމަތީ ތިބާ "ދަށް" ކޮށްފައި ވާހަކަދެއްކުން، މި ކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ކުޑަވަމުންދާ ކަމަށް އިހުސާސް ކުރެވުން

7. ތިބާއާ މެދު ބައިވެރިޔާ ތާ އަބަދު ޝައްކު ކުރުން

8. ތިބާއަށް ބައިވެރިޔާ އިތުބާރު ނުކުރުން

މި ލިޔުމުގައި މި ބަލައިލެވުނީ ދެބައިވެރިއެއްގެ ދެމެދުގައި އޮތް ގުޅުމަކަށް ނިމުން ގެންނާން ވެއްޖެ ކަމުގެ ހުރިހާ ސަބަބު ތަކަކަށް ނޫނެވެ. މީނޫން އެތައް ސަބަބު ތަކެއް ވެސް ހުންނާނެ އެވެ. އެހެން ނަމަވެސް މި ބަޔާން ކުރި ގިނަ ސަބަބުތައް އެކުލެވިގެންވާ ގުޅުމެއް ނަމަ އެ ގުޅުމަކީ އެންމެ ރަނގަޅު އަދި ހަރުދަނާ ގުޅުމެއް ކަމަށް ނިންމޭނެ ޖާގައެއް ނެތެވެ. އަދި އެ ފަދަ ގުޅުންތަކަށް އަވަހަށް ނުވަތަ ލަހުން ނަމަވެސް ނިމުން އައުމަކީ ވަރަށް ގާތް ކަމެއް ކަމަށް ބުނާން ޖެހެ އެވެ.