މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބަރުމާގެ އަޔެވާދީ ޔުނައިޓެޑް އަތުން ތިނެއް އެކަކުން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭރިއޭޝަން އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ.

މިއަދުގެ މެޗަކީ ގުރޫޕް ޖީގެ ތިންވަނައިގައި އޮތް މާޒިޔާއާއި އަދި އެގުރޫޕުގެ ފުލުގައި އޮތް އަޔެވާދީއަށް ވެސް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިއުމުގެ މަސައްކަތަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ދާދި ހަމަހަމަކޮށް ދެޓީމުން ވެސް ލަނޑުޖަހާނޭ ފުރުސަތުތައް އުފެއްދި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފު ފެށިގެން މިނިޓެއް ފާއިތުވިތަނާ މާޒިޔާއަށް އަޔެވާދީގެ ގޯލް ހުޅުވާލަ ދިނީ ނިއުގެ ކުރީގެ މިޑްފީލްޑަރު އިބްރާހީމް ޝިޔާމް (ދޮނާ) އެވެ. ދޮނާ ލަނޑު ޖެހީ މާޒިޔާގެ މިސްރުގެ މިޑްފީލްޑަރު އިސްލާމް މުހައްމަދު ޒަކީ ސަރްހާން އަޔެވާދީގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އެހެން ނަމަވެސް މާޒިޔާއިން ލަނޑު ކާމިޔާބު ކުރުމަށްފަހު ކުޅުންތެރިން ރަނގަޅަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް އަޔެވާދީގެ ލޮއެންޑްރޯ ވަރަށް ރީތިބޯޅައެއް ބޮލުންޖަހައި މާޒިޔާގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ 47 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަ ކުރިއެވެ.

މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދެވަނަ ފަހަރަށް އެޓީމަށް މެޗުގެ ކުރި ހޯދައިދިނީ މެޗުގެ 52 ވަނަ މިނިޓުގައި ނިއުރޭޑިއެންޓުގެ ކުރީގެ ކެޕްޓަން އަހްމަދު މުހައްމަދު (އައްމަޑޭ) އެވެ. އަޔެވާދީގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރެ އައްމަޑޭ ފޮނުވާލި ބާރު ހަމަލާ ގޮސްވަނީ އަޔެވާދީގެ ގޯލްގެ މަތީ ކަނަށެވެ. މާޒިޔާއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 61 ވަނަ މިނިޓުގައި އެޓީމުގެ ކެޕްޓަން އަހްމަދު ރަޝީދު އެވެ. މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި މާޒިޔާގެ ކުޅުންތެރިއަކު އަޔެވާދީގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ވަނީ އަޔެވާދީއަށް ޕެނަލްޓީއެއް ދީފައެވެ. އެހެން ނަމަވެސް އަޔެވާދީގެ ޑޮމިނިކު ޖެހި ޕެނަލްޓީ އަމާޒުވީ މާޒިޔާގެ ގޯލް ދަނޑީގެ ތިރީ ކަނަށެވެ. އަދި ދަނޑީގައި ޖެހިފައި ބޭރަށް ނުކުތްބޯޅަ އަޔެވާދީގެ ކުޅުންތެރިއަކަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މިއަދުގެ މެޗުން މޮޅުވެ ތިން ޕޮއިންޓު ލިބުމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ މިއަދުގެ މެޗަށް އެޓީމު ނުކުތީ ތިން ޕޮއިންޓު ހޯދަން ކަމަށާއި އެކަންތައް ހާސިލް ކުރެވުނު ކަމަށާއި އަދި ކުޅުންތެރިންގެ ކުޅުން ރަނގަޅު ނަމަވެސް އިތުރަށް ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައް އެބަހުރި ކަމަށެވެ.

"މިއަދުގެ މެޗަށް އަޅުގަނޑުމެން ނުކުތީ ހަމަ ތިން ޕޮއިންޓު ހޯދައިގެން ދަނޑުން ފައިބަން. އެނޫން އެއްވެސް ގޮތެއް އަޅުގަނޑުމެންނަކަށް ނެތް. އިރާދަ ކުރެއްވީތީ އެކަން އަޅުގަނޑުމެންނަށް ހާސިލް ކުރެވިއްޖެ. ދެން ކުޅުންތެރިންގެ ކުޅުމާ ދެތެރޭގައި ބުނާނީ، މުޅިއަކުން ކުޅުން ގޯހެއް ނޫނޭ، އެކަމަކުވެސް ކުޅުންތެރިން ރަނގަޅުކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި. ހާއްސަކޮށް ކުޅުންތެރިންގެ ކޮންސެންޓްރޭޝަން،" އިންމަ ބުންޏެވެ.

އަޔެވާދޭގެ ކޯޗު މަރްޔާން ސެކޫލޯސްކީ ބުނީ އެޓީމުގެ ކުޅުން ރަނގަޅު ކަމަށާއި އެހެން ނަމަވެސް މެޗުން ބަލިވީ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފޭތީ ކަމަށެވެ. އެގޮތުން މާޒިޔާއިން ހަ ހަމަލާ އުފައްދައިގެން ތިން ލަނޑު ކާމިޔާބު ކުރި އިރު އޭނާގެ ކުޅުންތެރިން މާޒިޔާގެ ގޯލަށް 10 ހަމަލާ އުފައްދައިގެން ކާމިޔާބު ކުރެވުނީ އެއްމެ ލަނޑެއް ކަމަށެވެ. އަދި މާޒިޔާއިން ލަނޑު ކާމިޔާބުކޮށްފައި މުޅިންވެސް ހުރީ އޭނާގެ ޓީމުން މާޒިޔާގެ ގޯލަށް ހަމަލާއެއް އުފައްދައި ބޭކާރުވާތާ ތިރީހަކަށް ސިކުންތު ފަހުން ކަމަށެވެ.

މާޒިޔާއާއި އަޔެވާދީ ހިމެނޭ ގްރޫޕު ޖީގައި މިއަދު ކުޅުނު ދެވަނަ މެޗުގައި މެލޭޝިޔާގެ ކެލަންތަން އާއި ވިއެޓްނާމްގެ ޑަނަށްނަން ބައްދަލުކުރި މެޗު ފަހެއް ސުމަކުން ކާމިޔާބުކުރީ ކެލަންތަން އެވެ. އަދި އެނަތީޖާއާއެކު ކެލަންތަންއަށް ވަނީ ތިން މެޗު ކުޅެގެން ހަތް ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބިފައެވެ. ތާވަލުގެ ދެވަނައިގައި ހަ ޕޮއިންޓާއެކު ޑަނަންގު އޮތްއިރު ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮތީ މާޒިޔާއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި ހިމެނޭ ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ބަރުމާގެ ޔަންގޮން ޔުނައިޓެޑް ކުޅޭމެޗު މާދަމާ ހަވީރު، ބަރުމާގެ ކުރީގެ ވެރިރަށް ޔަންގޮންގެ ތުވަންނަ ވައިޓީސީ ސްޓޭޑިއަމްގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.