ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ރައީސުލް ޖުމްހޫރީއްޔާ ތަސްދީގު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސްނުކޮށް ހުރި މައްސަލާގައި އިލެކްޝަންސް ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރު ކުރަން ފާސް ކުރީ މޯލްޑިވްސް ޑިވެލޮޕެމެންޓް އެލަޔަންސް (އެމްޑީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިދެއްވުން އެދި އެ ޕާޓީން އެ ކޮމެޓީ އަށް ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.

"އެމްޑީއޭއިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެ ޕާޓީން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ނުގުނައި އަދި އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަކާ ނުލައި ބެހެއްޓުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުގެ ރޫހާއި ޚިލާފު އަދި އެ އަމުރުގައި ސިޔާސީ ޕާޓީއެއް އުވޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަންގާފައިވާ އެންގުމާ ޚިލާފުވާ ފަދަ ކަމެއް ކަމަށް މި ޕާޓީން ދެކޭތީ، މި މައްސަލަ ތިޔަ ކޮމެޓީން ވީހާ ވެސް އަވަހަކަށް ބައްލަވައިދެއްވައި، މި ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެންމެހައި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިދެއްވުން އެދެމެވެ،" އެމްޑީއޭއިން ހުށަހެޅި މައްސަލާގައިވެ އެވެ.

ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން ކޮމެޓީ އަށް ހާޒިރު ކުރުމަށް ހުށަހަޅައްވަމުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށް ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ޕާޓީ ތަކުން ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން 10،000 މެންބަރުން ހަމަކޮށް ފޯމް ހުށަހަޅާފައިވާ ޕާޓީ ތައް އުވިގެން ދިއުމަކީ އޭނާ ވެސް ގަބޫލު ކުރައްވާ ގޮތް ކަމަށެވެ.

"އެމްޑީއޭއިން އެދިފައިވާ އެދުމަށް ބަލާއިރު އަޅުގަނޑު އޭގެ ރޫހަށް ތާއިދު ކުރަން. އެއީ ގާނޫނެއް ހަދާ ނިމޭއިރު އެ ގާނޫނެއްގެ ވަގުތު ޖެހޭ އިރު ވެސް އެ ދިމާވެފައި އޮންނަ ހާލަތެއްގައި އަޅުގަނޑުމެން ވިސްނަން ޖެހޭނީ ޕޮޒިޓިވް ކޮށް. ނެގެޓިވް ކޮށެއް ނޫން. އެހެން ވީމަ ގާނޫނު ތަސްދީގު ކުރުމުގެ އެއް ސިކުންތު ކުރިން ވެސް ޕާޓީ ތަކުން ފޯމް ހުށަހަޅާފައިވާ ކަމަށާްވާނަމަ އެއީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާ އެއް ނޫން. އެއީ ފޯމް ބަލައިގަތް ފަރާތުގެ ޒިންމާ އެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޕާޓީ ތަކުގެ ފޯމް ތައް ޕޮރޮސެސް ނުވެހުރި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ކޮމެޓީ އަށް ބޭނުންވާ މައުލޫމާތު ސާފް ކުރުމަށްޓަކައި އެ ކޮމިޝަންގެ މެންބަރުން މާދަމާ 11:15އަށް މަޖިލީހަށް ހާޒިރު ކުރާނެ ކަމަށެވެ. އަދި އެއަށް ފަހު ކޮމެޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭ އެންގުން އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.