02 Apr 2013, 16:10
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ، އާތާ ބްރަދާސްއާ އެކު ރާއްޖެ އައި މީހުންގެ ތެރެއިން އެކަކު ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ ވިދާޅުވީ އެ ދެ ބެއިންގެ ތެރެއިން މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި ފުރާފައި ވަނީ އާތާ ބްރަދާސް ހޯލްޑިންގްސްގެ ޗެއާމަން އަރުތޫރު ސަރަގްސިޔަން ކަމަށެވެ.
ކޮންޓްރޯލަރު ވިދާޅުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހާއި އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އަރުތޫރު ސަރަގްސިޔަން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މި ވަގުތު ހުރީ ގޮޑަޒިން ސަރަގްސިޔަން ކަމަށާއި އޭނާ މީގެ ކުރިން ރާއްޖެ އައި ކަން ރެކޯޑްތަކުން ނުދައްކާ ކަމަށް ވެސް ކޮންޓްރޯލަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެދުނީ އެ ދެ މީހުންނަށް ރެސިޑެންޝަލް ވިސާ ހަމަޖައްސައި ދިނުމަށް ކަމަށާއި ނަމަވެސް އެފަދަ ވިސާ ދޫކުރަނީ ރާއްޖޭގައި އިންވެސްޓްކޮށްގެން އުޅޭ މީހުންނަށް ކަމަށް ވާތީ އެ ވިސާ ޖަހާދީފައި ނުވާ ކަމަށް ވެސް ކޮންޓްރޯލަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެދިގެން އެ ދެ މީހުން ރާއްޖޭގައި ތިބުމަށް ތިން މަސްދުވަހުގެ ޚާއްސަ ވިސާއެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޖަހައިދީފައިވާ ކަމަށް ވެސް ކޮންޓްރޯލަރު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދެ މީހުން ރާއްޖޭގައި އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެ މައުލޫމާތު ހިއްސާކުރަންޖެހޭ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މިދިޔަ ޖެނުއަރީ މަހު ހިއްސާކޮށްފައިވާނެ ކަމަށެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަރުތޫރު ސަރުގެސިއަންއާއި، އާތަކް ސަރުގެސިއަންގެ ހިއްސާއާ އެކު ރާއްޖޭގައި އުފައްދާފައިވާ ކުންފުންޏަކީ އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.
އާތާ ބްރަދާޒްގެ މައްސަލަ ފެންމަތިވެގެން ގޮސްފައި ވަނީ، ކެންޔާގައި ވެސް ގިނަ ޖަރީމާތަކެއް ހިންގާފައިވާ އެ ދެބެން ރާއްޖޭގައި އުޅޭ ކަމަށާއި އެ ދެބެން މަސައްކަތް ކުރަމުންދަނީ ސިޔާސީ ބައެއް އިސް ބޭފުޅުން އަވަހާރަކޮށްލަން ކަމަށް ބުނެ ސޯޝަލް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަތައް ފެންމަތިވެފައިވަނިކޮށެވެ.
ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ހުއްދަ ނަގާފައިވާ، އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަސް ހިއްސާދާރުންގެ ތެރޭގައި ދިވެއްސަކު ހިމެނެ އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ ދިވެހި ހިއްސާދާރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުރީ ހ. އެވާޗާންސް، އިސްމާއިލް ވަސީމެވެ.
އާތާ ބްރަދާޒްގެ ދެބެންނާއި، އިސްމާއިލް ވަސީމްގެ އިތުރުން ކުންފުނި ރަޖިސްޓްރީކުރި އިރު ހިއްސާދާރުންގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ފަރަންސޭސިވިލާތުގެ ދެ މީހުން ކަމަށްވާ ގޮޑަޒިން ސަރުގެސިއަންއަކާއި އެޑްގާ ސަރުގެސިއަން އެވެ.
ކުންފުނީގެ ހިއްސާތައް ބަހާފައިވާ ގޮތަކީ އަރުމީނިއާގެ ދެބެންގެ ތެރެއިން އެކަކަށް ކުންފުނީގެ 61 ޕަސެންޓް ހިއްސާއާއި ދެވަނަ އާތަރ ބްރަދާއަށް 19 ޕަސެންޓް ހިއްސާ އެވެ. ފަރަންސޭސި މީހުންގެ ތެރެއިން އެކަކަށް 10 އިންސައްތަ ހިއްސާ ދީފައިވާ އިރު، ފަރަންސޭސިވިލާތުގެ އަނެއް މީހާއަށް ދީފައި ވަނީ ހަތް އިންސައްތަ ހިއްސާ އެވެ. ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާ ދާރަށް ދީފައި ވަނީ ތިން އިންސައްތަ ހިއްސާ އެވެ.
އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްމާއިލް ވަސީމަށްވާ ތިން އިންސައްތަ ހިއްސާ ވަނީ ހ. އެވާޕީސް، އަބްދުﷲ ޝައްފަތުއަށް ބަދަލުކޮށްފަ އެވެ.