ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް ޖެހިޖެހިގެން ދެ ފަހަރު މަތިން ހޯދައިފައިވާ ކަސްޓަމްސްގެ އާދިލް މުހައްމަދަށް، ކުރިއަށް އޮތް ދިހަވަނަ ސައުތު އޭޝިއަން މެންސް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަ ކުރެވޭނެ ކަން ޔަގީން ވާނީ އޭނާއާ ބެހޭ ގޮތުން ބޮޑީބިލްޑު ފެޑަރޭޝަނުން ބަލަމުންދާ މައްސަލައަށް ވަކިގޮތެއް ނިންމުމުން ކަމަށް އެފެޑަރޭޝަންގެ ޗެއާމަން މުހައްމަދު މާހިދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދިލްއާ ބެހޭގޮތުން ބޮޑީބިލްޑިންގ ފެޑަރޭޝަނުން ބަލަމުން އަންނަ އެ މައްސަލައަކީ ދާދިފަހުން ރާއްޖެޓީވީގެ ކުޅިވަރު ޕްރޮގްރާމެއްގައި އޭނަ ދެއްކި ވާހަކައަކާ ހެދި ބަލަމުން އަންނަ މައްސަލައެކެވެ. އަދި އާދިލްއާ ބެހޭ މައްސަލަ ބަލަމުން އަންނަނީ އެ ފެޑަރޭޝަންގެ ޑިސިޕްލިނަރީ ކޮމެޓީންއެވެ.

އަންނަ މޭމަހުގެ 1 އިން 3 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާންގެ ލާހޫރުގައި އޮންނަ އެމުބާރާތުގައި އާދިލް ވާދަކުރޭތޯ ނުވަތަ ނޫންތޯ؟ ކުރި ސުވާލަކަށް ބޮޑީބިލްޑު ފެޑަރޭޝަންގެ ޗެއާމަން މާހިދު މިއަދު ވިދާޅުވީ، އާދިލްއަށް މުބާރާތުގައި ވާދަކުރެވޭކަން މުޅިން ޔަގީން ވާނީ އޭނާއާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަ ބެލުމަށްފަހު ކަމަށެވެ. އަދި އެމައްސަލަ ބެލުމުގެ މަސައްކަތް މިހާރު ވެސް އެފެޑަރޭޝަންގެ ޑިސިޕްލިނަރީ ކޮމެޓީން ކުރަމުން އަންނަ ކަމަށް މާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ އާދިލްގެ މައްސަލަ ބަލަމުން. އޭނައަށް މުބާރާތުގައި ވާދަކުރެވޭނެކަން ޔަގީން ވާނީ ކޮމެޓީން މައްސަލަ ބަލައި ނިމުމުން." މާހިދު ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ހަތަރު ކެޓަގަރީއަކުން ފަސް ބޮޑީ ބިލްޑަރުންނެވެ. އެ ފަސް ބިލްޑަރުންނަކީ 55 ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލީ މޫސާ އާއި 60 ކެޓަގަރީގައި ވާދަކުރާ އިބްރާހިމް ޝާނީޒް އާއި 65ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ކަސްޓަމް ސާވިސްގެ އާދިލް މުހައްމަދާއި ހަމަ އެކެޓަގަރީން ވަދަކުރާ އަލީ ޝަރީފް އަދި 70 ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލި މަނިކެވެ.

ގައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗް އަބްދުލް ހަސީބު މިއަދު ވިދާޅުވީ، މުބާރާތުގައި ވާދަކުރާ ފަސް ބިލްޑަރުންނާ މެދު ވެސް ވަރަށް ހިތް ހަމަޖެހޭ ކަމަށާއި އެހެން ކަމުން މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ރާއްޖޭގެ ބިލްޑަރުން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.