02 Apr 2013, 15:39
ބަންގްލަދޭޝުން ޑޮކްޓަރުން ގެނައުމަށް ރާއްޖޭން ޝައުގުވެރިވޭ: މިނިސްޓަރު
ބަންގްލަދޭޝްގެ ޑޮކްޓަރުންނާއި އެ ގައުމުގައި އުފައްދާ ބޭސް ރާއްޖެ ގެނައުމަށް ރާއްޖޭން ޝައުގުވެރިވާ ކަމަށް މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ "ދަ ފައިނޭންޝަލް އެކްސްޕްރެސް" ނޫހުން މިއަދު ބުނީ އެ ގައުމުގައި އުފައްދާ ބޭސްފަރުވާގެ އުފެއްދުންތައް އެތެރެކުރުމަށާއި ޑޮކްޓަރުންނަށް ރާއްޖޭން ވަޒީފާ ދިނުމަށް ރާއްޖޭން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ކަމަށެވެ.
ނޫހުގައިވާ ގޮތުން އެކަން ހާމަކުރެއްވީ މިހާރު އެ ގަމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރު ޑރ. އޭއެފްއެމް ރާހުލް ހައްގުއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މެޑިކަލް އަދި ނާސިން ދާއިރާއިން މީހުން ތަމްރީނުކުރާ ބަންގްލަދޭޝްގެ އިންސްޓްޓިއުޝަންތަކުން ދިވެހި ދަރިވަރުންނަށް ފުރުސަތު ތަނަވަސްކޮށް ދެއްވުމަށް ޑރ. ޖަމްޝީދު އެދިވަޑައިގެންނެވި ކަމަށާއި ސިއްހީ ދާއިރާއިން އެގައުމު ހޯދާފައިވާ ކާމިޔާބީއަށް އެމަނިކުފާނު ތައުރީފު ކުރެއްވި ކަމަށް ވެސް ބަންގްލަދޭޝްގެ ހެލްތުމިނިސްޓްރީގެ ބަޔާނުގައި ވާކަމަށް ނޫހުން ބުންޏެވެ.
ސިއްހީ ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން މިހާރަށް ވުރެ ވަރުގަދަކުރުމަށް ރާއްޖޭގެ ހެލްތު މިނިސްޓަރު ޑރ. އެދިވަޑައިގެންނެވި ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ހެލްތުމިނިސްޓަރު ޑރ. ޖަމްޝީދު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅާ ބެހޭ މައުލޫމާތު ހެލްތުމިނިސްޓްރީން އާއްމުކޮށްފައެއް ނުވެ އެވެ.