ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީއާ ދެކޮޅަށް އެ ކޯޓުގެ އަށް ފަނޑިޔާރުން ޖުޑީޝަލްސާވިސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އިސް ފަނޑިޔާރު ޝަރީފާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވީ ހުޅުމާލޭ ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ވަގުތީ ގޮތުން ހުއްޓާލަން ހައިކޯޓުން އިއްޔެ ނެރުނު އަމުރާއި ގުޅިގެންނެވެ. ހައިކޯޓުން އިއްޔެ ނެރުއްވި އަމުރުގައި ސޮއިކުރައްވާފައި ވަނީ ވެސް ހަމައެކަނި އިސް ފަނޑިޔާރު ޝަރީފް އެކަންޏެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ ހައިކޯޓުގެ އަށް ފަނޑިޔާރުން އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށާއި ނަމަވެސް ތަފްސީލު ދެވެން ނެތް ކަމަށެވެ.

ކުރީގެ ސަރުކާރުގައި ރައީސް ނަޝީދު އުފައްދަން އުޅުއްވެވި ކަމަށް ބުނާ ޖުޑީޝަން ރިފޯމް ކޮމިޝަންގައި ވެސް ފަނޑިޔާރު ޝަރީފުގެ ނަން ހިމެނިވަޑައިގަންނަވަ އެވެ.