ވެހިކަލްތައް ގަވާއިދާ އެއްގޮތަށް ޕާކުރުމުގައި ކުރިއަށްވުރެ ބޮޑަށް މީހުންގެ ސަމާލުކަން އިތުރުވެފައިވާ ކަމަށް ބުނެ ޓޯކުރުން މަޑުޖައްސާލާފައި ވާކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ހަވީރު ސަން އެފްއެމް އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިން ޓޯކުރަމުން ގެންދިޔަ ގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.


"ކުރިން ޓޯ ކުރިހެން ޕަބްލިކް އޭރިއާތަކުގައި ތިބެގެން ޓޯކުރުން މިހާރު މިވަނީ މަޑުޖައްސާލާފައި. ވެހިކަލް ޕާކު ކުރުމުގައި މިހާރު މީހުން ސަމާލުކަންދޭ މިންވަރު މިވަނީ އިތުރުވެފައި. ހަތަރު ފޮރޮޅުލީ ވެހިކަލާއި ދެ ފުރޮޅުލީ ވެހިކަލްތައް އަދި ވެސް އާންމު ރައްޔިތުންނަށް އުނދަގޫ ވާނެހެން ބަހައްޓާފައި ހުންނަ ނަމަ ޓޯކުރަމުން ގެންދެވޭނެ." ޝިޔާމް ވިދާޅުވި އެވެ.


މި މަހު 12 ވަނަ ދުވަހު އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑިއާރުޕީން ބޭއްވި ނިއުސްކޮންފަރެންސެއްގައި ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ ފުލުހުން ޓޯކުރުމުގައި ވަކިބައެއްގެ ވެހިކަލްތަކަކަށް ޓާގެޓްކޮށްގެން ޓޯކުރަމުން ގެންދާ ކަމަށެވެ.


"ކަމާ ބެހޭ ފަރާތްތަކަށް އޮންނަނީ އެމްޑީޕީގެ އިސްވެރިންގެ ސައިކަލު ނަންބަރު ދީފައި. އެ ބޭފުޅުންނަށް އޮންނަނީ ޓޯކޮށްގެން ނުވާނެ ސައިކަލާއި ޓޯކުރަން ޖެހޭ ސައިކަލުގެ ނަންބަރު ބުނެދީފައި." ޝަރީފް ވިދާޅުވި އެވެ.


ފުލުހުން ގެންދިޔައީ ޓޯކުރާ ކޮންމެ ސައިކަލަކަށް 350 ރުފިޔާ ނަގަމުންނެވެ. ޓޯ ކުރުމުގެ ގަވައިދު ހަދާފައި ވަނީ، ފުލުހުންނާއި މާލޭ މުނިސިޕަލްޓީ އާއި ޓްރާންސް ޕޯޓް މިނިސްޓްރީ ގުޅިގެން 2008 ވަނަ އަހަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ ގަވައިދުގެ ދަށުން ވެހިކަލްތައް ޓޯ ކުރަން ފަށާފައި ވަނީ 2008 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ޓޯކުރާ ވެހިކަލްތައް ޖޫރިމަނާ ކުރަން ފަށާފައި ވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެނެވެ. ޓޯކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން މަގުމަތީގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލުތަކުގައި ގެންދިޔައީ ސްޓިކާ ޖަހަމުންނެވެ.