02 Apr 2013, 15:28
ގްރޫޕް ހަދައިގެން ހިންގި މާރާމާރީ މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރު ކުރި ގ. މަސްއޮޑިގޭ އިޙްސާނުއްދީން ރަޝީދު ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކަމަށެވެ.
ފުލުހުން އިހްސާނުއްދީން ހައްޔަރު ކުރީ ދެ ފަހަރެއްގެ މަތިން އޭނާ ހޯދާން އިއުލާން ކޮށްފައި ވަނިކޮށް ލިބުނު މައުލޫމާތަކާ ގުޅުގެން ގ. މަސްދޮށިގޭގައި ހުއްޓައެވެ.
އޭނާ އާ ގުޅޭގޮތުން ތަހުގީގު ކުރަމުން ގެންދާ މައްސަލަ އަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު ގްރޫޕް ހަދައިގެން ގޮސް މާލޭގެ ގެއެއްގެ ދޮރު ހަލާކުކޮށްލައި އެގޭ ތެރެއަށް ވަދެ އޭނާ އެގޭގައި ނިދާފައި ތިބި ދެ މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުން އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އިހުސާނުއްދީން ރަޝީދު އަކީ މަސްތުވާތަކެތީގެ އިތުރުން ގިނަ އަދަދަކަށް މާރާމާރީގެ މައްސަލަތަކުގެ ވެސް ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.