02 Apr 2013, 15:19
ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އަރްމީނިއާގެ ދެބެން ކަމަށްވާ އާތާ ބްރަދާސް ރާއްޖޭގެ ރާއްޖޭގައި ހަރަކާތެރިވާ މައްސަލާގައި ކަމާ ގުޅުން ހުރި ފަރާތްތައް ގައުމީ ސަލާމަތު ކޮމެޓީއަށް ހާޒިރު ކުރާނެ ކަމަށް އެ ކޮމެޓީގެ މުގައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ގައުމީ ސަލާމަތު ކޮމެޓީގެ މިއަދު ބައްދަލުވުމުގެ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އާތާ ބްރަދާސްއގެ މައްސަލަ ވީ އެންމެ އަވަހަކަށް އެ ކޮމެޓީން ބެލުގެ މަސައްކަތް ފަށާނެ ކަމަށާއި އަދި އެކަމާއި ގުޅުން ހުރި ހުރިހައި ފަރާތް ތަކެއް ކޮމެޓީއަށް ހާޒިރު ކުރާނެ ކަމަށެވެ. އަދި އެކަމާއި ގުޅުން ހުރި ލިޔުންތައް ހޯދުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތް ތަކުގައި މިއަދު ދަންނަވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ގައުމީ ސަލާމަތު ކޮމެޓީއަށް އާތާ ބްރަދާސްގެ މައްސަލަ ބެލުމަށް ހުށަހެޅުއްވި މިލަންދޫ ދާއިރާގެ މެންބަރު އިބްރާޙިމް ރިޒާ އެވެ. މައްސަލަ ހުށަހަޅުއްވަމުން ރިޒާ ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރާ އަރްމީނިއާގެ ދެބެން ކަމަށްވާ އާތާ ބްރަދާސް ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި އުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ރިޒާ ވިދާޅުވީ އަތާ ބްރަދާސްގެ ދެބެއިން ރާއްޖެ އައި ދުވަހާއި ރާއްޖެ އައި މަގުސަދު ހޯދައި ބަލަން ޖެހޭނެ ކަމަށެވެ. އަދި އެކަމާއި ގުޅުން ރުރި ހުރިހައި ފަރާތް ތަކެއް ކޮމެޓީ އަށް ހާޒިރު ކުރުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.
އަރުމޭނިޔާގެ އެ ދެބެިން ރާއްޖެއިން ފުރާފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި އެހެން ކަމުން އެ މީހުން ރާއްޖެ އައުމަށްޓަކައި އެ މީހުންނަށް ވިސާ ހަމަޖައްސައި ދިން ގޮތާއި އަދި އެމީހުން ރާއްޖޭގައި ތިބީ ކޮންތަނެއްގައި ކަން ވެސް އެގެން ޖެހޭނެ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
ރިޒާގެ ހުށަހެޅުމަށް ތާއިދު ކުރައްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޝިފާގް މުފީގު (ހިސްޓޯ) ވިދާޅުވީ އެފަދަ ބަޔަކު ރާއްޖެ އައުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބެލުމަށްޓަކައި ވީ އެންމެ އަވަހަކަށް ގާނޫނުއަސާސީގެ ދަށުން އުފައްދަވާފައިވާ ސަލާމަތީ ހިދުމަތްތަކަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އިން އެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. އަދި ގައުމީ ސަލާމަތު ކޮމެޓީ އަށް ވެސް ލިބިފައިވާ އިހްތިސާސްގެ ތެރެއިން އެ މައްސަލަ ބެލުމަށް ތާއިދު ކުރައްވާ ކަމަށް ވެސް ހިސްޓޯ ވިދާޅުވި އެވެ.