02 Apr 2013, 15:01
މަސްތުވާތަކެތި ގެންގުޅުނު މީހަކު ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ނ. މަނަދޫ ފަތިހުގެއަލި އިލްހާމް އާދަމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަލާފަނު ސްކޫލް ކައިރިން އޭނާ ހުއްޓުވަނިކޮށް ބިންމައްޗަށް ވައްޓައިލި ކަރުދާސްގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައި ވާ ކަމަށް އޭނާ އަމިއްލައަށް އިއުތިރާފު ވެފައި ވާ ކަމަށެވެ.
އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރި އިރު ޓެޓްރާ ހައިޑްރޯ ކެނަބިނޯލް އާއި ކެނަބިނޯލް ހުރިކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި އެވެ.
މީގެ އިތުރުން އޭނާ ހައްޔަރު ކުރި އިރު މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރިކަމަށް ތުހުމަތު ކުރެވޭތީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލި އެވެ. ނަމަވެސް ކުޑަކަމުދާތަކެތި ނެގުމުގައި ފުރިހަމަ ކުރާން ޖެހޭ އިޖުރާއީ ކަމެއް ފުލުހުން ފުރިހަމަ ކޮށްފައި ނުވާތީ އެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އިލްހާމް އާދަމް މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މި ނޫން އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓަށް ވަނީ ހުށަހެޅިފަ އެވެ.