02 Apr 2013, 15:00
ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ތަހުގީގަށް ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ކުއްޖާ އެ ދައުވާ އަށް އިއުތިރާފުވެއްޖެ އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ދޮގުހެކި ދިނުމުގެ ކުށުގެ ދައުވާ އަށް އިއުތިރާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ހެކި ހުށަހަޅަން ބޭނުން ނުވާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ދެން އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށާއި އެ ދުވަހުގެ ޝަރީއަތުގައި ހެކީން ހާޒިރު ކުރުމަށް ކޯޓަށް ފެންނަ ނަމަ ހެކީން ހާޒިރު ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ޚުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމަށް ވެސް ޖުވެނައިލް ކޯޓުން މައުލޫމަތުދެ އެވެ.
އެކުއްޖާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ ޑރ. އަފްރާޝީމް އަލީއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލު ކުރުމުން ފުލުހުންގެ ތަހުގީގަށް ދޮގު މައުލޫމަތު ދީފައިވާ ކަމަށެވެ. އަދި ޖުވެނައިލް ކޯޓަށް އެ ކުއްޖާ ހާޒިރުކުރުމުން އެ ކޯޓަށް ވެސް އޭނާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.
ދޮގު ހެކި ދިނުމުގެ ދައުވާ އެ ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 62 ވަނަ މާއްދާ އާ ހަވާލާދީ އެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ނެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމަމް އަހްމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
އެ ދެ މީހުންގެ ތެރެއިން ހުމާމްގެ ޝަރީއަތް ފަށާފައިވާއިރު ޝާންގެ ޝަރީއަތް އަދި ފަށާފައެއް ނުވެއެވެ. ހުމާމް ވަނީ ދައުވާ އަށް އިންކާރުކޮށް ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސާފަ އެވެ.