02 Apr 2013, 14:51
މޯލްޑިވުްސް ކަސްޓަމްސް ސާވިސްގެ ގާނޫނާއި ގަވައިދާ ހިލާފުވާ ފަރާތްތައް ކުރެވޭ ޖޫރިމަނާތައް ބަހައިލައިގެން ދެއްކުމުގެ އުސޫލު ކަސްޓަމްސުން ކަނޑައަޅައި އެ އުސޫލަށް އަމަލު ކުރާން ފަށައިފިއެވެ.
ކަސްޓަމްސުން މިއަދު ބުނީ އެ ތަނުން ކުރާ ޖޫރިމަނާތައް ދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އެކުލަވައިލި އެ އުސޫލުގެ ދަށުން އެޖޫރިމަނާއެއްގެ ފައިސާ 500000ރ. އަށް ވުރެ އިތުރު ވެފައިވާ އަދި 1000000ރ. އަށް ވުރެ ދަށް އަދަދެއް ނަމަ އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ ފުރުސަތު ދެއެވެ. އަދި އެފައިސާގެ އަދަދަކީ 1000000ރ. އަށް ވުރެ އިތުރު އަދަދެއް ނަމަ އެ ފައިސާ ދެއްކުމަށް ގިނަވެގެން ދެނީ އެއް އަހަރު ކަމަށެވެ.
"ޖޫރިމަނާގެ ފައިސާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދެވޭނީ، ފާއިތުވި ތަނުގައި ފައިސާ ދައްކަމުން ދިޔަ ގޮތް(ޕޭމަންޓް ހިސްޓްރީ) އަދި ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިތަކާއި އޭގެ ސަބަބުތަކަށް ރިއާޔަތް ކުރުމަށް ފަހުގައި،" ކަސްޓަމްސް އިން ބުންޏެވެ.
އެ އުސޫލުގައި ބުނެފައި ވާ ގޮތުން ބަހައިލައިގެން ޖޫރިމަނާގެ ފައިސާ ދެއްކުމަށް ހުއްދަ ދެވޭ ފަރާތްތަކުން އެ ފަރާތާ އެކު އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކާނަމަ އެފަރާތަކަށް ކަސްޓަމްސުން ދޭ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑައިލެވޭނެ އެވެ. އަދި އެގޮތަށް މެދުކަނޑައިލައިފިނަމަ އެފަރާތަކަށް ދެން އަނބުރައި އެސާވިސުން ހިދުމަތް ދޭނީ އެ ފައިސާ ދައްކާތާ ދެ އަހަރު ފަހުންނެވެ. އަދި އެގޮތަށް ފައިސާ ނުދައްކައި މެދު ކަނޑައިލައިފި ނަމަ، ނުދައްކއި އޮންނަ އަދަދު އެއް ފަހަރާ ދައްކާން ޖެހޭނެއެވެ.