މާލޭގެ މަސް މާރުކޭޓުގައި ވިއްކަން ހުރި މަހުގެ އެކި ބާވަތްތަކުގެ އަގުތައް އަދިވެސް ހުރީ ވަރަށް ބޮޑުކޮށެވެ. އަދި މާރުކޭޓުގައި މަސް ހުރި ލެއް ވެސް ވަރަށް މަދެވެ.

"ސަން"ގެ ނޫސްވެރިން ބާޒާރަށް ގޮސް މަސްވެރިންނާ ސުވާލުކޮށް މަހުގެ އަގުތައް މިއަދު ބެލި އިރު ހަ އިންޗި ހުންނަވަރުގެ މުށިމަހުގެ އަގު ހުރީ 20 ރުފިޔާއަށް ހަތަރު މުށިމަހެވެ.

ކައިވަތެއް ހުންނަވަރުގެ ކުރުމަސް ފޮއްޗެއް 40 ލިބެނީ ރުފިޔާއަށެވެ. އަދި ކިރިޔާ ފޫޓެއް ހަމަވާވަރުގެ މާނިޔާ މަހެއް ލިބެނީ 100 ރުފިޔާއަށެވެ.

ދިވެހިންގެ ކެއުމުގައި އެންމެ ގިނައިން ބޭނުންކުރާ މަހުގެ އެއް ބާވަތް ކަމަށްވާ ކަނޑުމަހުގެ އަގުތައް ހުރީ 100 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގައެވެ. މީގެ ދުވަސްކޮޅެއް ކުރިން 35 ރުފިޔާއަށް ކިލޯއެއް ލިބެންހުރި ކަންނެލި ކިލޯއެއްގެ އަގު މާރުކޭޓުގައި މިއަދު ހުރީ 40 ރުފިޔާއާއި 45 ރުފިޔާއާ ދެމެދުގައެވެ.

ފަރުމަހުގެ ބާވަތްތަކަށް ބަލާއިރު އާދައިގެ ފިލޮޅެއް ލިބެނީ 80 ރުފިޔާއަށެވެ. އަދި ދޮޅުފޫޓު ހުންނަވަރުގެ ރަތްމަހެއް އުޅެނީ 220 ރުފިޔާއަށެވެ.

މަސްވެރިން ބުނަނީ ބާޒާރުގައި މަހުގެ އަގުތައް އުފުލިފައި މިވަނީ ރާއްޖޭގެ ހުރިހައި ދިމާއެއްގައި ވެސް މި ދުވަސްވަރު މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށެވެ.

"ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރެއް. އެހެންވެ މިއަދު ވެސް މިތަނުގައި އެހާ މަދުން މަސް މިހިރީ. މަސްވެރިކަން ދަށްވީމައި މަހުގެ އަގު ވެސް ބޮޑުވަނީ،" މާރުކޭޓުގައި ހުރި މަސްވެރިއެއް ކަމަށްވާ ހުސޭނުބޭ ބުންޏެވެ.

މަސްވެރިން ބުނާގޮތުގައި މާރުކޭޓުގައި އާންމު ގޮތެއްގައި މަހުގެ އަގު އުފުލިފައި ހުންނަނީ، ބާޒާރުގައި ތެލުގެ އަގު ވެސް ބޮޑުވުމުގެ ސަބަބުންނެވެ. ހުސްވި މަހުގައި އެސްޓީއޯއިން ވަނީ އެކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން ކުރިން 16.23 ރުފިޔާއަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 16.49 ރުފިޔާ އަށެވެ.