ހިއުމަން ޓްރެފިކިންގެ (މިނިފާރީގެ) ކުށުގެ އަދަބު ކަނޑައަޅަޅާފައިވާ ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގަނެ، ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވައިފި އެވެ.

ގާނޫނެއްގައި ހިއުމަން ޓްރެފިންއަކީ ކުށެއް ކަމަށް ކަނޑައަޅާފައި ނުވާތީ ހިއުމަން ޓްރެފިކިން އަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު މުޖުތާޒު ހުށަހެޅުއްވި "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލް" މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުން އެ ބިލް ބަލައިގަތުމުން އެ ބިލް ދިރާސާ ކުރެއްވުމަށް ޓަކައި ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުއްވާނެ ކަމަށެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލުގައިވާ ގޮތުން މީހަކަށް މަޖުބޫރު ކުރުވައިގެން ރޭވުމަކުން ނުވަތަ މަކަރާއި ހީލަތުން މީހަކު އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުވުމަށް މަސައްކަތް ކުރުމަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް ކަމަށެވެ. އަދި އެފަދަ ހީލަލްތެރިރޭވުމަކުން މީހަކު ރާއްޖޭގެ އެއް ސަރަހައްދަކުން އަނެއް ސަރަހައްދަން ގެންދިއުން ވެސް އެއީ ހިއުމަން ޓްރެފިކިންގެ އަމަލެއްގައި ބައިވެރިވުމެވެ.

ހިއުމަން ޓްރެފިކިންގެ އަދަބު ކަނޑައަޅާފައިވާ ބާބުގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި ކުޑަ ކުއްޖަކު ހިއުމަން ޓްރެފިކްކޮށްފި ނަމަ އެފަދަ މީހެއްގެ އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އަދި ހިއުމަން ޓްރެފިކިންގެ އަމަލެއް ރޭވުމުގައި ބައިވެރިވެއްޖެ ނަމަ ހަތް އަހަރު ދުވަހަށް އެ މީހަކު ޖަލަށް ލެވޭނެ ކަމަށް އެ ބިލުގައިވެ އެވެ.

އަމިއްލަ އަށް ރާވައިގެން މީހަކު ހިއުމަން ޓްރެފިކިންގައި ގެންގުޅެނިކޮށް އެ މީހަކު މަރުވެއްޖެ ނަމަ އެކަން ކުރި މީހަކު 15 އަހަރަށް ޖަލަށްލެވޭނެ ކަމަށާއި ހިއުމަން ޓްރެފިކް ކުރުމުގައި ހަތިޔާރު ބޭނުންކޮށްފި ނަމަވެސް 15 އަހަރަށް ޖަލަށްލެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.

ހިއުމަން ޓްރެފިކިންގެ އަމަލެއް ކުރީ ގާނޫނު ތަފްޒީފު ކުރާ އިދާރާއެއްގެ މުވައްޒަފެއް ނަމަ އޭނާ ވެސް 15 އަހަށް ޖަލަށްލެވޭނެ ކަމަށް ބިލުގައިބުނެ އެވެ.

ހިއުމަން ޓްރެފިކިންގައި އުޅޭ މީހުންނާއި ކުޑަކުދިންނާއި އަންހެނުންނަށް ރައްކާތެރިކަމާއި އެ މީހުން ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ހިއުމަން ޓްރެފިކިން ހުއްޓުވުމާ ބެހޭ ކަންތައްތައް ވިލަރެސް ކުރާ 14 މެންބަރުންގެ ކޮމެޓީއެއް އުފައްދަން ޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ. އެ ކޮމެޓީ އެކުލެވިގެން ވަނީ މަޖިލީހުގެ މެންބަރަކާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރަކާއި އެޗްއާރްސީއެމްގެ މެންބަރަކާއި ދާހިލީ ވުޒާރާގެ މުވައްޒަފަކާއި އޭޖީ އޮފީހުގެ ގާނޫނީ ވަކީލަކާއި ޕީޖީ އޮފީހުގެ ގާނޫނީ ވަކީލަކާއި އިމިގްރޭޝަންގެ މުވައްޒަފަކާއި ފޮރިން މިނިސްޓްރީގެ މުވައްޒަފަކާއި ފުލުހުންގެ އޮފިސަރަކާއި ކަސްޓަމްސްގެ އޮފިސަރަކާއި ލޭބާ ރިލޭޝަނުން ކަނޑައަޅާ މުވައްޒަފަކާއި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން އަމިއްލަ ޖަމިއްޔާއްގެ މެންބަރެކެވެ.

އެ ކޮމެޓީން ހިއުމަން ޓްރެފިކިން ހުއްޓުވުމަށްޓަކައި ގައުމީ އެކްޝަން ޕްލޭނެއް އަހަރަކު އެއްފަހަރު ކޮމެޓީން އެކުލަވާލަންވާނެ ކަމަށް ބިލުގައިބުނެ އެވެ. އަދި ކޮމެޓީގެ ރިޕޯޓެއް ކޮންމެ އަހަރު އެއްފަހަރު ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެ އެވެ.