މިދޭތެރެއިން ބާޒާރުގައި އަގު ބޮޑުކޮށް ހުރި ދިވެހި ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު މިއަދު ދަށަށް ގޮސްފައިވާކަމަށް ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނެފިއެވެ.

ދިވެހި ދަނޑުވެރިކަމުގެ ބާވަތްތަކަށް ބަލާއިރު މީގެ ހަފްތާއެއްގެ ކުރިން 15ރ. އާއި 18ރ. އާ ދޭތެރޭ އަގުތަކެއްގައި ބަރަބޯ ކިލޯއެއް ވިއްކި އެވެ. މިއަދު ބާޒާރުގައި ބަރަބޯ ކިލޯއެއް ވިއްކަނީ 10ރ. އާއި 8ރ. ރުފިޔާ އަށެވެ. އަދި ކުރިން 15ރ. އާއި 20ރ. އާ ދޭތެރޭ އަގުތަކެއްގައި ކިލޯއެއް ވިއްކި ކަރާ ކިލޯއެއް މިއަދު ބާޒާރުގައި ހުރީ 10ރ. އާއި 12ރ. އާ ދޭތެރޭ އަގުތަކެއްގައެވެ. އަދި ކުރިން ފަސް ރުފިޔާއަށް ހުރި ދޮންކެޔޮ ބާޒާރުގައި މިއަދު ވަނީ ދެ ރުފިޔާއަށާއި ތިން ރުފިޔާއަށް ވެއްޓިފައެވެ.

ގިނަ ބާވަތްތަކުގެ އަގު ހެޔޮ ވި ނަމަވެސް 10ރ. އާއި 15ރ. ދޭތެރޭ އަގުތަކެއްގައި ކިލޯއެއް ވިއްކި ފަޅޮލުގެ އަގު ވަނީ 20ރ އާއި 25ރ. އާ ދޭތެރޭ އަގުތަކަކަށް އަރައިފައެވެ.

ކުއްޅަފިލާ ފަތުގެ އަގު 10ރ. އަށް ދެ ބޮނޑި ކުރިން ވިއްކި އެވެ. ކުއްޅަފިލާފަތުގެ އަގު މިހާރު ހުރީ ތިރިވެފައެވެ. މިހާރު 10 ރުފިޔާއަށް ހަތަރު ބޮނޑި ލިބެއެވެ. އަދި ރޯ މިރުހުގެ 100 ގްރާމް 35ރ. އާއި 30 ރުފިޔާއާ ދޭތެރޭގައި ހުރެފައި މިއަދު ވަނީ 20ރ. އާއި 25ރ. ދެމެދަށް ތިރިވެފައެވެ. އަދި 20ރ. އާއި 25ރ. ދޭތެރޭގެ އަގުތަކުގައި ހުރި ކުރުނބާ ވެސް ވަނީ 15ރ. އަށް ވެއްޓިފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ދަނޑުވެރިވެރި ވިޔަފާރިވެރިން ބުނީ ދިވެހި އުފެއްދުންތަކުގެ އަގު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވަނީ އެތަކެތި ބާޒާރުން ލިބެން ހުރި މިންވަރު ގިނަވުމުން ކަމަށެވެ. އެގޮތުން ކުރިއާ ހިލާފަށް ކަރާ ވެސް ބާޒާރުގައި ގިނަވެފައިވާކަން ފާހަގަކޮށްފައިވެއެވެ.