ރާއްޖޭގެ ޢުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް ކުވޭތުން އެހީތެރިވެދެއްވަން ތައްޔާރަށް ހުންނެވި ކަމުގައި ކުވޭތުގެ އަމީރު ޝައިޚް ޞަބާހު އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ބާޔާން ގަނޑުވަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް އުޚްވަތްތެރިކަމުގެ ގުޅުން އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ކުވޭތުގެ އަމީރު ދެއްވި ރަސްމީ ޖާފަތެއް އޮތެވެ.
ރައީސުލްޖުމްހޫރިއްޔާ، ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ޝައިޚް ޖާބިރު އަލްމުބާރަކް އަލްޙަމަދު އައްޞަބާހާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޢަލީ ފަހުދު އަލްރާޝިދާ ވެސް އިއްޔެ ބައްދަލުކުރެއްވި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ކުވޭތުގެ "ހައުސް އޮފް ނޭޝަނަލް ވަކްސް" އަށް އިއްޔެ ޒިޔާރަތް ކުރެއްވި އެވެ.