02 Apr 2013, 13:48
ދިވެހިރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ މުވައްޒަފުނަށް 65 އަހަރު ވުމުގެ ކުރިން އަސާސީ ޕެންޝަންގެ ފައިސާ ނެގޭނެ ޝަރުތުތައް ބަޔާންކޮށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ، އެ އިސްލާހު ބަލައިގަތުމަށް ނެގި ވޯޓާ ދެކޮޅަށް 28 މެންބަރުން ވޯޓު ދެއްވުމުންނެވެ. އެ އިސްލާހު މަޖިލީހުން ބަލައިގަތުމަށް 17 މެންބަރުން ވޯޓު ދެއްވި އިރު، ދެ މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
ޕެންޝަނާ ބެހޭ ގާނޫނުގެ 14 ވަނަ މާއްދާ އަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ މުސާރަ އިން ޕެންޝަން ސުކީމަށް ދައްކަމުން ދިޔަ ފައިސާގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކަށް ފައިސާ ނެގުމުގެ އިހްތިޔާރު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ.
މަޖިލީހުން ބޭރުކޮށްލި އިސްލާހު ބުނާ ގޮތުން ޕެންޝަން ފައިސާ ނެގޭނެ ޝަރުތުތަކަކީ ހައްޖަށް ދިއުމަށާއި ބޭސްފަރުވާ ކުރަން ޖެހޭ ހާލަތެއް މެދުވެރިވުމާއި މަތީ ތައުލީމު ހާސިލް ކުރުމަށާއި ގެދޮރު އިމާރާތް ކުރުމަށާއި އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޕެންޝަން ފައިސާ ނެގިދާނެ ކަމަށެވެ. އަމިއްލަ ވިޔަފާރި ކުރުމަށް ޕެންޝަންގެ ފައިސާ ނެގޭނީ ވަކި މުއްދަތަކަށް ވަޒީފާ އަދާކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހަކު ދާއިމަށް އެ މަގާމުން ވަކިވެއްޖެ ހާލަތެއްގަ އެވެ. އަދި ޝަރުއީ ގޮތުން ބަލަދުވެރިކަން އަރާ މީހަކަށް ބޭސްފަރުވާ ކުރުމަށާއި މަތީ ތައުލީމު ހާސިލް ކުރުމަށް ވެސް ޕެންޝަން ފައިސާ ނެގޭނެ ކަމަށް އިސްލާހުގައިބުނެ އެވެ.
ޕެންޝަން ފައިސާ ލިބިދެވޭނެ ނިސްބަތާއި އުސޫލުތައް ބަޔާން ކުރާ ގަވާއިދެއް ޕެންޝަން އޮފީހުން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ޕެންޝަން ސުކީމް އިހްތިޔާރީ އެއްޗަކަށް ހެދުމަށް ޕެންޝަނާ ބެހޭ ގާނޫނަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު 2011 އަހަރުގެ ކުރީކޮޅު އިސްލާހެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެ އިސްލާހު ކޮމެޓީން ދިރާސާކޮށް ތަޅުމަށް ހުށަހަޅުމުން މަޖިލީހުން ފާސްކުރީ އެ ގާނޫނަށް އިސްލާހު ގެންނަން ނުފެންނަ ކަމަށެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލު މަޖިލީހުން މިއަދު ބޭރުކޮށްލީ އެ އިސްލާހާމެދު ޕެންޝަން އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ކުރި ދިރާސާއަކުން ދައްކާ ގޮތުން ސިވިލްސާވަންޓުން މަސައްކަތްކުރާ 81 އިދާރާގެ ތެރެއިން 80 އިދާރާއިން ތާއިދުކޮށްފައި ވަނީ ޕެންޝަން ފަންޑުން ވަކި ކަންތައްތަކެއް ކުރުމަށް ފައިސާ ނެގުމަށް ތާއިދު ކުރާ ކަމަށެވެ.