ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ލޯނަށް އެދުމުގެ ފުރުސަތު އިތުރު ފަސޭހަތަކަކާ އެކު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް ލަތީފާ އަބްދުލް ލަތީފް މިއަދު ވިދާޅުވީ، މީގެ ކުރިން ވެސް މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ތައުލީމީ ފަންޑުން ލޯނު ދޫކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް، އޭރު އެކަންތައް އޮންނަނީ ވަރަށް ދަތި އުނދަގޫ ގޮތަކަކަށް ކަމަށާއި ފުރުސަތު ލިބެނީ މަދު ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.


ލަތީފާ އިތުރަށް ވިދާޅުވީ، މިފަހަރުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިތުރު ފަސޭހަތަކަކާ އެކު ކަމަށާއި ޝަރުތުތައް ވެސް ލުއިކޮށްފައިވުމުން، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނަށް ވެސް ގިނަ ފުރުސަތުތައް ލިބޭނެ ކަމަށެވެ.


"ކުރީގައި ވެއްޖިއްޔާ ތަންކޮޅެއް މަތީ ފަންތީގައި ކިޔަވަން ބޭނުންވާ ބަޔަކަށް ބޮޑަށް ބެލެވެމުން ދިޔައީ. ޓީޗަރަކަށް ހުންނަ މީހެއް އަތުގައި އޮންނާނީ ޑިޕްލޮމާއެއް ނޫނީ ސެޓިފިކެޓެއް. މުސާރަ މި އޮންނަ ގޮތުން އެޑިއުކޭޝަނުން ކޮލިފިކޭޝަން މަތިކޮށްގެން ނޫނީ މުސާރައެއް ވެސް ބޮޑެއް ނުވޭ. ޓީޗަރުން ވެސް ބޭނުންވާނެ އެއަށް ވުރެ ކޮލިފިކޭޝަން ހައިވާން [މަތި]،" ލަތީފާ ވިދާޅުވި އެވެ.


ލޯން ސްކީމަށް ވަކި ހާއްސަ ބަޖެޓެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ ލޯނު ސްކީމުގެ ދަށުން ރާއްޖޭގައި ހުރި މަރުކަޒަކުން ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރަކަށް ދޫކުރާނެ އެންމެ ބޮޑު ލޯނަކީ 144000 އެވެ. އަދި މުޅި ކޯސް ނިމެންދެން، އެ ލޯނު ދޫކުރާނީ މަހަކު 3000ރ. ގެ މަގުންނެވެ. އަދި ރާއްޖެ އިން ބޭރުން މަތީ ތައުލީމް ހޯދަން ބޭނުން މުވައްޒަފުންނަށް އެންމެ ގިނަވެގެން ދޫކުރަނީ 500000 ރ. އެވެ.


އެއްވެސް ރަހުނެއް ނެތި ދޫކުރާ މި ލޯނު ސްކީމްގެ ދަށުން ހުޅުވާލާފައި ވަނީ، ފުރަތަމަ އަންނަ ފަރާތްކަށް އިސްކަން ދޭ ގޮތަށް ކަމަށް އެޑިއުކޭނުން ބުނެ އެވެ. ނަމަވެސް އެއީ ކިތަން ފުރުސަތު ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ކޯސް ނިމޭތާ ހަތަރު މަސް ދުވަސް ފަހުންނެވެ. އެއީ ފަސް ޕަސެންޓުގެ އިންޓަރެސްޓަކާ އެކު ދިހަ އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. އަދި ކޯސް ނިންމުމަށް ފަހު ސަރުކާރުން ބޭނުންވާ ނަމަ، އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ކަނޑައަޅާ މުއްދަތަކަށް މަސައްކަތް ކުރަންޖެހެ އެވެ.