02 Apr 2013, 13:21
ސިވިލް ސާވިސް މުވައްޒަފުންނަށް ބްރޭކް ގަޑީގެ ގޮތުގައި މިހާރު އޮންނަ 45 މިނެޓްގެ ބަދަލުގައި އެ ވަގުތު އެއްގަޑި އިރަށް އިތުރުކޮށްދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ސައީދު "ސަން" އަށް މިއަދު ވިދާޅުވީ މިހާރު ބްރޭކް ގަޑީގެ ގޮތުގައި ހަމަޖައްސާފައި އޮންނަ ވަގުތު މަދުކަމުން އެ ވަގުތު އިތުރު ކޮށްދިނުމަށް އެދި ވަރަށް ގިނަ މުވައްޒަފުން އެ ކޮމިޝަނުގައި އެދެމުން އަންނަ ކަމަށެވެ. އަދި ވަގުތު އިތުރު ކޮށްދިނުމަށް އެދި އޮފީސްތަކުން ވެސް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ކޮމިޝަނުގައި މަޝްވަރާ ކުރުމަށް ފަހު މިހާރު ވަގުތު އިތުރު ކުރުމުގެ މަރުހަލާތައް ކުރިއަށްދާ ކަމަށެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭރު ގެނައި ބަދަލުގެ ތެރޭގައި ބްރޭކް ގަޑީގެ ގޮތުގައި އޮންނަނީ ކެއުމަށް 30 މިނެޓް އަދި މަސައްކަތުގެ ވަގުތުގެ ތެރެއިން ނަމާދު ކުރުމަށް 15 މިނެޓް އެވެ.
"އަޅުގަނޑުމެން ސިވިލް ސާވިސް މުވައްޒަފުންނައް ހަމަޖައްސާފައި މި އޮންނަނީ ކެއުމަށް އޮންނަ 30 މިނެޓާއި، ނަމާދު ކުރަން އޮންނަ ފަނަރަ މިނެޓް އެއްކޮށްލައިގެން 45 މިނެޓް ނަގާގޮތަށް. އެހެންވީމާ ބައެއް މުވައްޒަފުން ބާރައިން ފެށިގެން 12:45 އަކަށް ނޫނީ 12:45 އިން 13:30 އަށް ވަގުތުގެ ބޭނުން ކުރަމުން ގެންދަނީ. އެ ވަގުތަކީ ގެއަށް ގޮސް އައިސް އަނެއްކާ ނަމާދު ކޮށްފައި އޮފީހަށް ހާޒިރުވާން ބަލާއިރު ތަންކޮޅެއް މަދު ވަގުތަކަށް މި ވަނީ. އެކަމުގެ ޝަކުވާ ވަރަށް ގިނައިން ހުށަހަޅާފައިވޭ،" ސައީދު ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރު މުވައްޒަފުންގެ ރަސްމީ ގަޑީގެ ގޮތުގައި އޮންނަނީ ހެނދުނު 7:30 އިން މެންދުރު ފަހު 14:30 އަށެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ސަރުކާރުގެ ރަސްމީ ގަޑި ބަދަލުކުރީ ހެނދުނު 8:00ން ހަވީރު 4:00 އަށެވެ.
ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވައި ޑރ. މުހައްމަދު ވަހީދު ހަސަން ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ މަނިކުފާނުގެ ސަރުކާރުން ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ހެނދުނު 8:00ން ފެށިގެން މެންދުރު ފަހު 3:00 ކަމަށެވެ.