އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މަގެއްގެ މަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެން ކުއްޖަކު ރޭޕްކުރި ހާދިސާއަށް ފަހު އެގައުމަށް ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު 25 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އިންޑިއާ އަށް ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު 25 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށާއި އެއީ ގޭންގް ރޭޕްގެ ހާދިސާގެ ސަބަބުން ކަން، އެގައުމުގައި ކުރި ސާވޭއަކުން އެނގިފައިވާ ކަމަށެވެ.

ނޫހުގައި ވާގޮތުން އިންޑިއާ އަށް ޒިޔާރަތްކުރާ އަންހެން ޓޫރިސްޓުންގެ މިންވަރު ކުރީ އަހަރަށް ވުރެ 35 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. އަދި އެގައުމުގެ ޓުއަ އޮޕަރޭޓަރުންނާ ހަވާލާދީ ބުނެފައި ވަނީ ޖެނުއަރީ މަހުން ފެށިގެން މާޗްމަހާ ހަމައަށް ހައްދާފައި ހުރި ގިނަ ރިޒަވޭޝަންތައް، ރޭޕްހާދިސާއާ ގުޅިގެން ކެންސަލްކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ އެސޯސިއޭޓެޑް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ކުރި ސާވޭގައި 12 ޓުއަ އޮޕަރޭޓަރުންނާ ސުވާލުކޮށްގެން ހެދި ސާވޭގެ ނަތީޖާ އެގައުމުގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކާ ހިލާފެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހާއި ފެބްރުއަރީ މަހު އެގައުމަށް ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު އިތުރުވެ، ޓޫރިޒަމްގެ ސިނާއަތުން ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.

ދިއްލީގެ ގޭންގްރޭޕް ހާދިސާ އަށް ފަހު އިންޑިއާގެ ޓޫރިޒަމް ސެކްރެޓަރީ ޕަރްވޭޒް ދީވާން ވިދާޅުވެފައި ވަނީ އެ ހާދިސާގެ އަސަރު ޓޫރިޒަމަށް ނުކުރާ ކަމަށެވެ.

"މިހާތަނަށް އެއްވެސް ނުބައި އަސަރެއް ނުފެނޭ،" ޕަރްވޭޒް އޭރު ވިދާޅުވެފައިވެ އެވެ.

ނަމަވެސް އޭގެ ފަހުން ޓޫރިސްޓުންގެ ގޮތުގައި އިންޑިއާ އަށް ޒިޔާރަތްކުރި އަންހެނުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ހަމަ މައްސަލައެއް ފެންމަތިވެ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވަނީ ޓްރެވެލް އެޑްވައިޒަރީތައް ނެރެފަ އެވެ.

ގޭންގް ރޭޕް ހާދިސާއަށް ފަހު އެފަދަ ކަންތައްތައް ހުއްޓުވަން އިންޑިއާގެ ފުލުހުން އިތުރު މަސައްކަތްތައް ކުރި ނަމަވެސް، ދިއްލީ ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އެފަދަ ކުށްތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ޖިންސީ ފުރައްސާރަކުރުން ހިމެނޭ ގޮތުން ގޯނާގެ ކުރުމުގެ ހާދިސާތައް ވަނީ 590.4 ޕަސެންޓުން އިތުރުވެފަ އެވެ. އަދި ރޭޕްކުރުމުގެ ހާދިސާތައް ވަނީ ކުރީ އަހަރަށް ވުރެ 147 ޕަސެންޓް އިތުރުވެފަ އެވެ.

ދުނިޔޭގެ އިގުތިސާދު ދަށް ގޮސްފައި ވީ ނަމަވެސް 2012 ވަނަ އަހަރުން ޓޫރިޒަމްގެ ސިނާއަތުން އިންޑިއާއަށް 17.7 ބިލިޔަން ޑޮލަރު ލިބުނެވެ. އިންޑިއާ ސަރުކާރުން އަމާޒުކޮށްފައި ވަނީ އެގައުމަށް އަހަރަކު ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 12 ޕަސެންޓް އިތުރުކުރުމަށެވެ. އަދި 2016 ވަނަ އަހަރާ ހަމައަށް އެގަމަށް ޓޫރިޒަމުން ލިބޭ އާމްދަނީ ދެގުނައަށް އިތުރުކުރުމަށެވެ.