02 Apr 2013, 13:08
މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ ޓޯނަމަންޓުގެ ތަށި އުފުލާލި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް އެ މުބާރާތުން ލިބެންޖެހޭ ފައިސާ ނުލިބި އޮތް ކަމުގެ އަޑުތަކެއް ފެންމަތި ވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީ ކޮޅު ސްރީލަންކާގެ ނާވަލަޕިޓިޔާ ޖަޔަތިލަކަ ސްޓޭޑިއަމްގައި ކުޅުނު އެމުބަރާތުގެ ތަށި ޒުވާން ގައުމީ ޓީމުން ހޯދުމުން ޓްރޮފީއާއި އެކު ރާއްޖޭގެ ޓީމަށް ވަނީ އިނާމުގެ ގޮތުގައި 15000 ޑޮލަރު ލިބިފަ އެވެ. އަދި އެ މުބާރާތުގައި ލިބުނު ފައިސާ ކުޅުންތެރިންނަށް ބަހަން ނިންމިއިރު، ރާއްޖޭގެ ކުޅިވަރާ ބެހޭ މިންސްޓުރީން ވަނީ މުބާރާތުގެ ތަށި ދިވެހި ޓީމުން ހޯދުމުން އެކަމުގެ ބޯނަހެއްގެ ގޮތުން ދިވެހި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 10000ރ. ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އާއިރު ވެސް އެއިން އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށް މުބާރާތުގައި ވާދަކުރި ކުޅުންތެރިން ދަނީ ބުނަމުންނެވެ.
ނަން ނުޖެއްސުމަށް ޝަރުތުކޮށް ޒުވާން ދިވެހި ފުޓްބޯޅަ ޓީމުގެ ތިން ކުޅުންތެރިއަކު މިއަދު ސަން އޮންލައިނާ ވާހަކަ ދައްކަމުން ބުނީ، އެ މުބާރާތުން ޓީމަށް ލިބުނު 15000 ޑޮލަރު ބަހަން ނިންމި ކަމަކު މިއަދާ ހަމައަށްއާއިރު ވެސް އެ ފައިސާ ކުޅުންތެރިންނަށް ބަހާފައި ނުވާ ކަމަށާއި އަދި މުބާރާތުގެ ތަށި ހޯދުމުން ޔޫތު މިނިސްޓުރީން ބޯނަހެއްގެ ގޮތުގައި ކޮންމެ ކުޅުންތެރިއަކަށް ދޭން ބުނި 10000ރ. ވެސް ލިބިފައި ނުވާކަމަށެވެ. އަދި އެފައިސާތައް ހޯދުމަށް ކުރަމުންއަންނަ މަސައްކަތައް އެއްވެސް އަލިމަގެއް މިއަދާ ހަމައަށް އާއިރު ލިބިފައި ނުވާކަމަށް ވެސް އެ ތިން ކުޅުންތެރިން ބުންޏެވެ.
"އަހަރުމެންނަށް ލިބުނި ރައީސް ވަހީދު ދިން 3000 ރުފިޔާ. އެ ތިންހާ ރުފިސާ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ރައީސް ދެއްވި. އެކަމަކު މުބާރަތުގެ ޗެމްޕިއަންކަން ހޯދުމުން އެ ލިބުނު 15000 ޑޮލަރުން އެއްވެސް ފައިސާއެއް ނުލިބޭ. އަދި ޔޫތު މިނިސްޓުރީން ބޯނަހެއްގެ ގޮތުގައި ކޮންމެ ކުޅުންތެރިއަކަށް ދޭން ބުނި 10000ރ. އަދި ނުލިބޭ. އަހަރުމެން އެފައިސާ ހޯދަން މިހާރު ޓީމުގެ މެނޭޖަރުކާރީގައި ވެސް ވާނީ ދައްކާފަ. ފައިސާ ނުލިބި ލަސްވާ ސަބަބެއް ނޭނގެ،" ޒުވާން ޓީމުގެ ތިން ކުޅުންތެރިން ވެސް ބުންޏެވެ.
މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ ޓޯނަމަންޓުގެ ތަށި ރާއްޖޭގެ ޓީމުން އުފުލާލީ ފައިނަލް މެޗުގައި ޕާކިސްތާނުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް 2-1 ލަނޑުން ބަލިކުރުމަށްފަހު އެވެ.
މިކަމާގުޅިގެން އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމް، އަލީ ސުޒޭން މިއަދު ވިދާޅުވީ، އެމުބާރާތް އޭރު ކުޅެފައިވަނީ ކުރީގެ ރައީސް އަލީ އާޒިމްގެ ބެލެނިވެރި ކަމުގެ ދަށުގައި އެފްއޭއެމް އޮއްވާ ކަމަށާއި އެހެންކަމުން އާޒިމްގެ މެނޭޖްމަންޓުން ވަނީ އެ 15000 ޑޮލަރު "ކޮންމެވެސް" ކަމަކަށް ބޭނުން ކޮށްފައި ކަމަށެވެ. އަދި ޔޫތު މިނިސްޓުރީން ޒުވާން ޓީމުގެ ކުޅުންތެރިންނަށް ދޭން ބުނި ފައިސާ ނުދީ އެ ލަސްވަނީ ކީއްވެ ކަން ސުޒޭނަށް ނޭގޭ ކަމަށް އޭނަ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޔޫތް މިނިސްޓުރީގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.