02 Apr 2013, 12:50
ބެޓްމޭންގެ އެންމެ ފަހުގެ ފިލްމު "ދަ ޑާކު ނައިޓް ރައިޒަސް" ދައްކަމުންދިޔަ ސިނަމާއެއްގެ ތެރެއަށް ވަދެ ދިން ހަމަލާގައި 12 މީހުން މަރާލި ޖޭމްސް ހޯމްސްގެ މައްޗަށް މަރުގެ ހުކުމެއް އިއްވުމަށް ކޮލޮރާޑޯގެ އެޓާނީ ޖެނެރަލްގެ ފަރާތުން ކޯޓުގައި އެދިއްޖެ އެވެ.
ހޯމަ ދުވަހު ކޮލޮރާޑޯގެ ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ ޕްރީ-ޓްރަޔަލްގައި ކޮލޮރާޑޯގެ އެޓާނީ ޖެނެރަލް ޖޯޖު ބްރައުލާ ވިދާޅުވީ ޖޭމްސް ހޯމްސްގެ މައްޗަށް ކުރެވެމުންދާ ދައުވާގައި އަދުލް އިންސާފު ގާއިމްކުރެވޭނީ މަރުގެ ހުކުމަކުން ކަމަށް ގަބޫލުކުރާ ކަމަށާއި އެގޮތަށް ހުކުމްކޮށްދިނުމަށް ކޯޓުގައި އެދޭ ކަމަށެވެ.
ސީއެންއެން އިން ބުނީ މިދިޔަ ހުކުރު ދުވަހު ދައުވާތަކަށް ޖޭމްސް ހޯމްސް އިއުތިރާފްވެއްޖެ ނަމަ، މަރުގެ ހުކުމަކަށް ނޭދޭނެ ކަމުގެ ޔަގީންކަން ދައުލަތުގެ ވަކީލުންގެ ކިބައިން ހޯދުމަށް ޖޭމްސް ހޯމްސްގެ ވަކީލުން އެދިފައިވާ ކަމަށެވެ.
ނަމަވެސް، ކޮލޮރާޑޯގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ޖޭމްސް ހޯމްސްގެ އެދުމަށް ދެކޮޅު ހަދާފަ އެވެ.
މީގެ ކުރިން މިމައްސަލައިގެ އަޑުއެހުންތައް އޯގަސްޓް މަހަށް ޝެޑިއުލްކޮށްފައިވާ ނަމަވެސް، ކޯޓުގައި ދައުލަތުން މަރުގެ ހުކުމަކަށް އެދުމުން ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުންތައް މިއަންނަ އަހަރުގެ ފެބްރުއަރީ އަށް ފަސްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ކޮލޮރާޑޯގެ އޮރޯރާގައި ހުންނަ ސިނަމާއަކަށް ވަދެ ބަޑިޖެހުމުގެ ހަމަލާ ދިން އިރު، ޖޭމްސް ހޯމްސްއަކީ ބުއްދި ހަމަނުޖެހޭ މީހެއްގެ ގޮތުގައި ކަނޑައެޅިފައިވުމުން، އޭނާގެ ދިފާއުގައި ވަކީލުން ބޭނުންކުރާނީ "އިންސެނިޓީ" ނުވަތަ ހަމަލާ ދިން އިރު ހަމަބުއްދި ނެތް ކަމުގެ ދިފާއު ކަމަށް މައުލޫމާތު ލިބެ އެވެ.
ނަމަވެސް މައްސަލަ ތަހުގީގުކުރުމަށް ފަހު ފުލުހުން ބުނެފައި ވަނީ ހަމަލާގެ ކުރިން ޖޭމްސް ހޯމްސް އޭނާގެ ގޭގައި ހަތިޔާރު އެއްކުރި ކަމަށާއި އޭގެ ފަހުން ދިރިއުޅުނު ފުލެޓް ގޮއްވާލުމަށް މަސައްކަތްކުރި ކަމަށެވެ. އަދި މިކަން ކަމަކީ، ފުލުހުން އޮރޯރާގެ ސިނަމާގައި ދިން ހަމަލާއަށް ރެސްޕޮންޑުކުރާ ދުވެލި ލަސްކުރުމަށް ހޯމްސް ކުރި ކަންކަން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
އޮރޯރާ ހަމަލާގައި އާއިލާގެ މީހުން މަރުވެފައިވާ ފަރާތްތަކުން ވަނީ މަރުގެ ހުކުމެއް ހޯދުމަށް އެޓާނީ ޖެނެރަލް ނިންމުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ.