02 Apr 2013, 12:15
އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ މޯބައިލް ފޯނުތަކެއް ވަގަށް ނަގައިފި އެވެ.
ފަރީދީމަގުގައި ހުންނަ ލެމަންގްރާސްއާ އިންވެގެން ހުރި މ. ބަގީޗާގޭގައި ހިންގަމުންދިޔަ "ސްމާޓް އިލެކްޓްރޯނިކްސް" ފިހާރަ ފަޅާލާފައި ވަނީ ރޭ ދަންވަރު ކަމަށް އެ ފިހާރައިގެ މާކެޓިން މެނޭޖާ ރިޒްނީ މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިހާރައިގެ ފުރާޅު ނަގައި ސީލިންގް ކަފާލައިގެން ދެ ބުރިއަށް ހަދާފައި ހުރި ފިހާރައަށް ވަދެ ދެ ޝޯކޭހެއްގައި ހުރި ހުރިހާފޯނެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޕެޓީކޭޝްގެ ގޮތުގައި ހުރި 1،500ރ. ވެސް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
ރިޒްނީ ވިދާޅުވީ ފުރިޖާއި ޓީވީއާއި އެހެން އިލެކްޓްރޯނިކްސް އެއްޗެހި ނުގެންދެވުނީ އެ އެއްޗެހި ބޮޑެތި ކަމުން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފިހާރައިގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތައް މިހާރު ޗެކްކުރަމުން އަންނަ ކަމަށާއި ފިހާރަ ފަޅާލާފައި ވަނީ ރޭ 11:25 ހާކަންހާއިރު އެ ފިހާރަ ބަންދުކުރިފަހުން ކަމަށެވެ. އަދި ފިހާރަ ފަޅާލައިފައިވާ ކަން އެނގުނީ މިއަދު ހެނދުނު 9:00ގައި ފިހާރަ ހުޅުވުމުން ކަމަށް ވެސް ރިޒްނީ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވައްކަމުގެ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.