އެކިއެކި ބޭނުންތަކަށް ޕެންޝަން ފައިސާ ނެގޭ ގޮތަށް ސިވިލްސާވަންޓުން ތާއިދުކޮށްފައިވާ ކަމަށާއި އަދި އެ މުވައްޒަފުން މަސައްކަތް ކުރާ އިދާރާތަކުން ވެސް ތާއިދުކޮށްފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ މުވައްޒަފުނަށް 65 އަހަރު ވުމުގެ ކުރިން އަސާސީ ޕެންޝަންގެ ފައިސާ ނެގޭނެ ޝަރުތުތައް ބަޔާންކޮށް ޕެންޝަނާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ މެދު ސިވިލްސާވަންޓުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ސާވޭއެއް ކުރި ކަމަށް ސީއެސްސީން ބުންޏެވެ. އެ ސާވޭގެ ނަތީއްޖާއިން ދައްކާ ގޮތުން އެކިއެކި ބޭނުންތަކަށް ހަމަޖެހޭ ކޮންމެވެސް ގަވައިދަކުން އެ ފައިސާ ނެގޭގޮތަށް ސިވިލްސާވަންޓުން އަބަދުވެސް ތާއިދު ކުރާ ކަމަށެވެ.

އެގޮތުން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާމެދު ޚިޔާލު ހުރިގޮތް ބެލުމަށް ކުރި ސާވޭގައި ސިވިލްސާވިސްގެ 81 އިދާރާގެ ތެރެއިން 80 އިދާރާއަކުން އަންގާފައި ވަނީ އެ އިސްލާހަށް ތާއީދުކުރާ ކަމަށެވެ.

ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅޭގޮތުން ސީއެސްސީން ކުރި ސާވޭއަށްފަހު ބުނެފައި ވަނީ ސިވިލްސާވަންޓުން ހުށަހަޅާފައިވާ ޚިޔާލުތަކުގެ ތެރޭގައި ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަމަޖެހިފައިވާ ގޮތުން 65 އަހަރުވުމުގެ ކުރިން 55 އަހަރުން ފެށިގެން ރިޓަޔަކުރަންޖެހޭ ހާލަތްތައް ކުރިމަތިވަމުންދާ ކަމަށާއި އަދި އެކަން އެހެން ވުމަށް ގާނޫނުތަކުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ހާލަތު ނިޔާކުރާ ގޮތުން އިތުރަށް 55 އަހަރު ނުވެ ވެސް ވަޒީފާގެ ފުރުސަތު ނޯންނާނެ ގޮތަށް ވަޒީފާ އިން ވަކިވާން ޖެހޭ ކަމަށް ވެސް މުވައްޒަފުން ފާޅުކޮށްފައިވާ ޚިޔާލުގައި ބުނެފައިވާ ކަމަށް ވެސް ސީއެސްސީން ބުނެ އެވެ. އެފަދަ ހާލަތްތަކުގައި ޕެންޝަނުގެ ގާނޫނުގައި މިހާރު ހަމަޖެހިފައިވާ އުސޫލަށްވުރެ ލުއި ފަސޭހަ ގޮތަކަށް އެމީހެއްގެ ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތެއް ހަމަޖެހެން ބޭނުން ކަމަށް ބޮޑު އިންސައްތައެއްގެ އަޣުލަބިއްޔަތުން ޚިޔާލު ފާޅުކޮށްފައިވާ ކަމަށް ވެސް ސީއެސްސީން ބުނެ އެވެ.

ސީއެސްސީ އިން އަދި ބުނީ އެ މީހެއްގެ އަމިއްލަ މުސާރަ އިން ޖަމާކޮށްފައި ހުންނަ އެ މީހެއްގެ އަމިއްލަ މިލްކުވެރި ފައިސާއެއް އެ މީހެއްގެ މުހިންމު ޒަރޫރީ ހާލަތެއް ދިމާވާ ހިނދު ބޭނުން ނުކުރެވުމަކީ މައްސަލައެއް ކަމަށާއި އެމީހަކަށް ޖެހޭ ޒަރޫރީ ބޭނުންތަކުގައި އެ ފައިސާ ބޭނުން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ގިނަ މުވައްޒަފުން ބުނެފައިވާ ކަމަށެވެ.

ޕެންޝަނާ ބެހޭ ގާނޫނުގެ 14 ވަނަ މާއްދާ އަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ މުސާރަ އިން ޕެންޝަން ސްކީމަށް ދައްކަމުން ދިޔަ ފައިސާގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކަށް ފައިސާ ނެގުމުގެ އިހްތިޔާރު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ.

ފައިސާ ނެގޭނެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހައްޖަށް ދިއުމަށާއި ބޭސްފަރުވާ ކުރަންޖެހޭ ހާލަތެއް މެދުވެރިވުމާއި މަތީ ތައުލީމު ހާސިލް ކުރުމަށާއި ގެދޮރު އިމާރާތް ކުރުމަށާއި އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޕެންޝަން ފައިސާ ނެގިދާނެ ކަމަށެވެ. އަމިއްލަ ވިޔަފާރި ކުރުމަށް ޕެންޝަންގެ ފައިސާ ނެގޭނީ ވަކި މުއްދަތަކަށް ވަޒީފާ އަދާކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހަކު ދާއިމަށް އެ މަގާމުން ވަކިވެއްޖެ ހާލަތެއްގަ އެވެ. އަދި ޝަރުއީގޮތުން ބަލަދުވެރިކަން އަރާ މީހަކަށް ބޭސްފަރުވާ ކުރުމަށާއި މަތީ ތައުލީމު ހާސިލް ކުރުމަށް ވެސް ޕެންޝަން ފައިސާ ނެގޭނެ ކަމަށް އިސްލާހުގައިބުނެ އެވެ.