ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ 19 ވަނަ ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ނުވަ މެޗު އިއްޔެ ކުޅެފައިވެ އެވެ.

މާލޭ ނޭޝަނަލް ޓެނިސް ސެންޓަރު އިއްޔެ ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިގައި އިއްޔެ ކުޅުނު މެޗް 5-1 އިން ކާމިޔާބު ކުރީ ޒޯޔާ އާއި ލަޔާންގެ ޕެއާއިންނެވެ. އަދި އިއްޔެ ކުޅުނު އަންހެން ޑަބަލްސް އޯޕައިން ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗް ރާޔާ އާއި ރީމްގެ ޕެއާއިން ކާމިޔާބުކުރީ 6-0، 6-0 އިންނެވެ. އަދި ދެ ވަނަ މެޗު 6-1 ، 6-0 އިން ކާމިޔާބު ކުރީ އިރުފާ އާއި އީމާގެ ޕެއާއިންނެވެ.

އިއްޔެ ކުޅުނު ފިރިހެން އޯޕަން ސިންގަލް ބައިގައި ކުޅުނު ދެ މެޗް ކާމިޔާބު ކުރީ ފާރިސް އާއި ސާއި އެވެ. އަދި އިއްޔެ ކުޅުނު 10 އަހަރުން ދަށުގެ ފިރިހެން ސިންގަލްބައިގެ މެޗް 7-0 އިން ކާމިޔާބު ކުރީ ދާއިންނެވެ.

އަދި 12 އަހަރުން ދަށުގެ ސިންގަލް ބައިގައި އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗް ހަސްމާ ކާމިޔާބު ކުރިއިރު، ދެ ވަނަ މެޗް ކާމިޔާބު ކުރީ އީނާ އެވެ. ފިރިހެން ޑަބަލްސް ބައިގައި އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ މެޗް ކާމިޔާބުކުރީ ރާކިން އާއި ޔުހާގެ ޕެއާއިންނެވެ. އެ މެޗް އެ ދެކުޅުންތެރިން ކާމިޔާބު ކުރީ 6-0، 6-0 އިންނެވެ.

އެކި އުމުރު ފުރަޔަށް ބަހާލައިގެން ޓީއޭއެމް އިން ބާއްވާ މި މުބާރާތުގައި ޖުމުލަ 83 ކުޅުންތެރިއަކު ބައިވެރިވެފައިވާ އިރު އޭގެތެރޭގައި 54 ފިރިހެން ކުޅުންތެރިންނާއި 29 އަންހެން ކުޅުންތެރިއަކު ހިމެނެ އެވެ.