02 Apr 2013, 11:41
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސްފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ އަރްމީނިއާގެ ދެބެން ކަމަށްވާ އާތާ ބްރަދާސް ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ވެސް ގުޅުން ބޭއްވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ މަޖިލިސް މެންބަރުން ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދައި ހިއުމަން ޓްރެފިކިންގެ އަމަލުތަކުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރާ އަރުމޭނިޔާގެ ދެ ބެއިން، ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ދެ ވަޒީރަކާ ގާތް ގުޅުމެއް އޮތް ކަމަށް ބުނެ، ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އިންތި ވިދާޅުވީ ޓްރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޑިފެންސް މިނިސްޓަރު މުހަައްމަދު ނާޒިމް އާތާ ބްރަދާސްއާ އެކު އާންމު ބައްދަލުވުންތަކެއް ބާއްވާފައި ވަނީ ތިންތަނެއްގައި ކަމަށެވެ. އެއީ ހުޅުމާލެއާއި އެ ރަށުގެ ދެކުނަށް އޮންނަ ފަރުކޮޅު ފުށީގައި ވެސް އެ ދެ ވަޒީރުން އެ މީހުންނާ ބައްދަލު ކުރާ ކަމަށް އިންތި ވިދާޅުވި އެވެ.
"އާތާ ބްރަދާސްއާ އެކު ޑިފެންސް މިނިސްޓަރު މުހައްމަދު ނަޒީމާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ތިންތަނެއްގައި އާންމު ބައްދަލުވުންތައް ބާއްވަމުން ގެންދާ ކަމަށާއި އެގޮތުން ހުޅުމާލޭގައާއި ފަރުކޮޅުފުށީގައި ވެސް ބައްދަލުވުންތައް ބާއްވާ ކަމާއި އެ މީހުން މިހާރު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވީ ނަމަވެސް އެ މީހުން ފުރިކަން ކަށަވަރު ނުވާ ކަމަށް،" މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކުރަމުންދާ ބޮޑެތި ކުށްތަކުގެ ތުހުމަތު އަމާޒުވެފައިވާ އަރްމީނިއާގެ ދެ މީހުނާ ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ދެ ބޭފުޅުންނާ ގުޅުން އޮތުމަކީ ގައުމީ ސަލާމަތަށް އޮތް ގުޅުން ހުރި "ބިރުހުރި" ކަމެއް ކަމަށެވެ.
"މިކަމަކީ ގައުމީ ސަލާމަތަށް ސީދާ ގުޅުން ހުރި، އަދި އިންތިހާޔަށް ކަންބޮޑުވާން ޖެހޭ ބިރުހުރި ކަމަކަށްވާތީ މިކަމުގެ ކަންބޮޑުވުންފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ އަޅުގަނޑު ހުށަހެޅިން،" އިންތި ވިދާޅުވި އެވެ.
އިންތި ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެ، ކުރިއަށް ގެންދިޔަ ބަހުސްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވާހަކަފުޅު ދެއްކެވި މެންބަރުން ތުހުމަތު ކުރެއްވި ގޮތުގައި އާތާ ބްރަދާސްއާ އެމްޑީޕީއާއާ ވެސް ގުޅުން އޮތް ކަމަށެވެ.
ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ "އެފަދަ ނުލަފާ" މީހުންގެ އަތުން އެމްޑީޕީން ފައިސާ އަތުލުމަށް ފަހު ނުދީވާ މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ. އެގޮތުން އާތާ ބްރަދާސްގެ ބަޔަކު މާލެ ގެނެސް އެމްޑީޕީ ހިންގުމަށްޓަކައި ފައިސާ ހޯދުމަށް ގެސްޓު ހައުސް ހިންގުމުގެ ނަމުގައި އިންވެސްޓު ކުރުމަށް އެމްޑީޕީގެ އެކްޓިވިސްޓަކަށް ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވާކަން އަޑު ފެތުރު ކަމަށް ނިހާން ވިދާޅުވި އެވެ.
"އާތާ ބްރަދާސްގެ ބަޔަކު މާލެ ގެނެސް ގެސްޓު ހައުސް ހިންގުމުގެ ނަމުގައި އެމްޑީޕީގެ އެކްޓިވިސްޓަކަށް ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިކަން އޭރު ވެސް [2011 ވަނަ އަހަރު] ފެށިފައި އޮތް ވާހަކަ ދިޔައީ އަޑު އިވެމުން. އަދި އެ ވާހަކަތަކަށް އެންމެ ފަހުން ލިބުނު ހުއްޖަތަކީ މިދެންނެވި ފަހުގެ މަރުހަލާގައި އުފެއްދި ކުންފުންނީގެ ފުރަތަމަ ޝެއާ އަކީ އެމްޑީޕީގެ އެކްޓިވިސްޓަކަށްވެގެންދިޔަކަން،" ނިހާން ވިދާޅުވި އެވެ.