މީގެ ދެއަހަރު ކުރިން ސޫރިޔާގެ ދާހިލީ ހަނގުރާމަ ފެށުނު ފަހުން، މިދިޔަ މާޗު މަހުގެ ތެރޭގައި 6،000 މީހުން މަރާލާފައިވާ ކަމަށާއި މާޗު މަހަކީ މިހާތަނަށް ސޫރިޔާ ހަނގުރާމައގެ އެންމެ ލޭއޮހުރުވުން ގިނަ މަސް ކަމަށް ސޫރިއަން އޮބްޒަވެޓޮރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފި އެވެ.

އޮބްޒަވެޓޮރީ ފޯ ހިއުމަން ރައިޓްސްއިން ބުނީ ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 291 އަންހެނުންނާއި 298 ކުޑަކުދިންނާއި 1،486 ހަނގުރާމަވެރިންނާއި 1،464 ސިފައިން ހިމެނޭ ގޮތަށް މާޗު މަހުގެ ތެރޭގައި 6،005 މަރު ރެކޯޑުކޮށްފައިވާ ކަމަށެވެ.

އެސްއޯއެޗްއާރުން ބުނީ މަރުވެފައިވާ މީހުންގެ ތެރެއިން ކުލެސިފައި ނުކުރެވިފައި ވަނީ އާއްމު މީހުންނާއި (ފިރިހެނުން) ކޮން ބަޔަކަށް ނިސްބަތްވާ ބައެއްކަން ނޭނގޭ މީހުން ކަމަށެވެ.

އެސްއޯއެޗްއާރުން ބުނީ މިހާތަނަށް ސޫރިޔާ ހަނގުރާމާގައި 62،000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ނަމަވެސް، ހަގީގީ އަދަދު 120،000 ހާ ގާތް ކުރާނެ ކަމަށެވެ.

އދގެ ރެކޯޑުތައް ދައްކާ ގޮތުން ސޫރިޔާގެ ހަމަނުޖެހުންތައް ފެށި، ދާހިލީ ހަނގުރާމައަކަށް މަގުފަހިވި ފަހުން މަރުވެފައިވާ މީހުންގެ އަދަދު 70،000 އަށް ވުރެ މަތިވާނެ ކަމަށެވެ.