ފަލަސްތީނުގެ ގައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ލީޑަރުގެ ގޮތުގައި އަނެއްކާވެސް ޙާލިދު މަޝާލް އިންތިހާބުކޮށްފި އެވެ.

ހަމާސް އިން ބުނީ މިސްރުގެ ވެރިރަށް ގާހިރާގައި ހަމާސްއިން ބޭއްވި ބައްދަލުވުމެއްގައި ޙާލިދު މަޝާލް ލީޑަރުގެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ދަންވަރުގެ ވަގުތުތައް ވަންދެން ދިގު ދެމިގެންދިޔަ ބައްދަލުވުންތަކަކަށް ފަހު ކަމަށެވެ.

ކުރިން ހަރުކަށި ވިސްނުމުގެ ލީޑަރެއްގެ ގޮތުގައި ސިފަކުރެވިގެންދިޔަ ނަމަވެސް، އަރަބި ދުނިޔޭގެ އިތުރުން ހުޅަނގުން ވެސް މެދުމިނުގެ ފިކުރުގެ ވެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ ޙާލިދު މަޝާލް ހަމާސްގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގެންފައި ވަނީ 2004 ވަނަ އަހަރު އެވެ.

ފަލަސްތީނުގެ ރާމައްލޯއަށް އުފަންވެ ވަޑައިގަތުމަށް ފަހު، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަަހައްދުތަކުގައި އުޅެ ބޮޑުވި، މަޝާލް އަކީ އަރަބް ސްޕްރިންގް ނުވަތަ އަރަބި ބަހާރު މޫސުމުގެ ތެރޭގައި އަރަބި ދުނިޔޭގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން ހަމާސްއާ އެކު މަސައްކަތްކުރެއްވި ލީޑަރެވެ.

ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ މައްސަލާގައި ރައީސް ބައްޝާރުލް އަސަދާ ދެމެދު މައްސަލަ ޖެހުމުގެ ސަބަބުން ސޫރިޔާ ދޫކުރެއްވުމަށް ފަހު، އިޒްރޭލުން ގައްޒާގައި ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އިޒްރޭލާ އެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް މަޝާލް ވަނީ އެކުލަވާލައްވާފަ އެވެ.

އަދި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ، ހަމާސްއާ ދެމެދު އޮތް ގުޅުންތައް ހީނަރުވެފައިވާ އިރު، މަޝާލް ދަނީ މިގުޅުންތައް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހަމާސް އިން މަޝާލް އަލުން ލީޑަރުގެ މަގާމަށް އިންތިހާބުކުރައްވާފައި ވަނީ، މިސްރާއި ގަތަރު ފަދަ ގައުމުތަކުން މަޝާލްއަށް ތާއީދުކުރުމުން ނެވެ.