02 Apr 2013, 10:33
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްއާއި ކުއީން ޕާކް ރޭންޖާސް (ކިޔުޕީއާރު) ބައްދަލު ކުރިމެޗުން، ތިނެއް ދޭކުން ކިޔުޕީއާރު ބަލިވުމުން އެ ކުލަބު ރެލިގޭޝަނުން އަރައިގަތުމަށް ކުރަމުންއަން މަސަކަތް ހަނިވެއްޖެ އެވެ.
ޕްރިމިއާ ލީގުގެ ތާވަލުގެ ފަހަތުން ދެވަނައިގައި ކިޔުޕީއާރު މިވަގުތު އޮތީ 31 މެޗު ކުޅެގެން ލިބުނު 23 ޕޮއިންޓާއެކުގަ އެވެ. އަދި ރެލިގޭޝަނުން ސަލާމަތް ވުމަށްޓަކައި މިވަގުތު ތާވަލުގެ 17 ވަނައިގައި އޮތް ވިގަންއާ ހަމަހަމަކުރުމަށް 8 ޕޮއިންޓުގެ ކުރިއެރުމެއް ހޯދަން ޖެހޭއިރު އެކުލަބަށް ލީގުގައި ބާކީ އޮތީ ހަތް މެޗެވެ. އެ ހަތް މެޗުގެތެރެއިން އެކުލަބު ކުޅެންޖެހޭ ޓީމުތަކުގެ ތެރޭގައި، ވިގަން، އެވަޓަން، ސްޓޯކް، ރެޑިންގް، އާސެނަލް، ނިއުކާސަލްގެ އިތުރުން ލިވަޕޫލް ހިމެނެ އެވެ.
ރޭގެ މެޗުގެ އަށްވަނަ މިނިޓުގައި ފުލަމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެކުލަބަށް ލިބުނު ޕެނަލްޓީއަކުން ޑިމިޓާ ބާބަޓޯފްއެވެ. އަދި މެޗުގެ 22 ވަނަ މިނިޓުގައި ބާބަޓޯފްވަނީ ނަތީޖާ ދޭއްސުމަކަށް ފުޅާކޮށްފަ އެވެ. ފުލަމްގެ ތިންވަނަ ލަނޑަކީ ކިޔުޕީއާރުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ. ފުލަމްގެ ޖޯން އާނޭ ރީސް މަތިން ފޮނުވާލި ހަމަލާ ކިޔުޕީއާރުގެ ކްލިންޓް ހިލް، ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބޯޅަ ގޮސްވަނީ އަމިއްލަ ބައިކޮޅަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅުގައި ކިޔުޕީއާރުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަޑޭލް ތާރަބް އެވެ. އަދި ފުރަތަމަ ހާފުގައި ފުލަމްއިން ރަނގަޅުހަމަލާތަކެއް އުފެއްދި ނަމަވެސް ފަހުހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ކިޔުޕީއާރު އިންނެވެ. އެގޮތުން އެކުލަބުގެ ދެވަނަ ލަނޑު، މެޗުގެ މެޗުގެ 51 ވަނަ މިނިޓުގައި ލޮއިޗް ރެމީއެވެ. މެޗުގެ 78 ވަނަ މިނިޓުގައި ފުލަމްގެ ސިޑްވެލްއަށް ރެފްރީ ރަތްކާޑުދެއްކުމާ ގުޅިގެން މެޗުގެ ބާކީބައި އެކުލަބުން ކުޅުނީ 10 ކުޅުންތެރިންނާ އެކުގައެވެ.
މެޗަށް ފަހު ފުލަމްގެ ކޯޗު މާޓިން ޖޮލް، ބުނީ އެކުލަބުން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ކަމުގައި ވީނަމަވެސް ފަހުހާފުގައި އޭނާގެ ކުޅުނުތެރިން ވަނީ ފުރަތަމަ ހާފުގައި ކިޔުޕީއާރުން ހެދި މިސްޓޭކްތައް ހަދައި، އެކުލަބަށް ލަނޑުޖެހުމަށް ފުރުސަތު ދީފައި ކަމަށެވެ. އަދި އޭނާ ބުނީ، މި ވަގުތު ތާވަލުގެ 10 ވަނައިގައި 39 ޕޮއިންޓާ އެކު އޮތުމުން ހިތްހަމަ ޖެހޭ ކަމަށާއި އެހެން ނަމަވެސް މިއީ ފުޓްބޯޅަ ކަމަށާއި އެހެން ކަމުން 10 ވަނައިގައި އޮންނަ ކުލަބެއްވެސް ފުލަށް ވެއްޓިދާނޭ ކަމަށެވެ.