ޗަކަގަނޑެއްގެ ތެރޭގައި ކަންބަޅިއެއް ގެނބެމުންދަނިކޮށް، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޮން ޗަކަގަނޑުގެ ތެރެއަށް އެރިވަޑައިގެން، ކަންބަޅި ސަލާމަތްކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ބުނެފި އެވެ.

ޓެލެގްރާފުން ބުނީ ކެމަރޮން ޒުވާން ދުވަސްވަރު އުޅުއްވި އޮކްސްފޮޑްޝަޔާގެ ޗިޕިންގް ނޯޓޮންގައި ޗުއްޓީ ހޭދަކުރަމުންދާ އިރު، ކެމަރޮންގެ އަވައްޓެރިއެއްގެ ގެއަށް ޒިޔާރަތްކުރުމަށް ފަހު އެނބުރި ގެއަށް ވަޑައިގަންނަވަނިކޮށް ކަންބަޅިއެއް ޗަކަގަނޑެއްގެ ތެރޭގައި ގެނބެމުންދާ މަންޒަރު ފެނިވަޑައިގަތީ ކަމަށެވެ.

ކަންބަޅި އޭގެ ދެދަރިން ސަލާމަތްކުރުމަށް ޗަކަގަނޑަށް އެރުނީ ކަމަށާއި ދެދަރިން އޭރު ގެނބިގެން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޓެލެގްރާފުން ބުނީ ގެނބެމުން ދިޔަ ކަންބަޅިއަކީ ކެމަރޮންގެ އަވައްޓެރިއެއް އޭނާގެ ފާމުގައި ގެންގުޅެމުންދިޔަ ކަންބަޅިތަކުގެ ތެރެއިން ކަންބަޅިއެއް ކަމަށާއި މިކަން އެނގުމުން އަވައްޓެރިއަށް ގުޅުމަށް ފަހު ކެމަރޮން ކަންބަޅި ސަލާމަތްކުރެއްވުމަށް ޗަކަގަނޑަށް އެރިވަޑައިގަތީ ކަމަށެވެ.

ކަންބަޅި ސަލާމަތްކުރުމުގައި އުނަގަނޑާ ހަމައަށް ޗަކަގަނޑުގެ ތެރޭގައި ކެމަރޮން ހަރަކާތްތެރިވި އިރު، ކެމަރޮންގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރާ ދެ މީހުން ވެސް ވަނީ ޗަކަގަނޑަށް އެރި ކެމަރޮންއަށް އެހީތެރިވެފަ އެވެ.

ޓެލެގްރާފަށް މައުލޫމާތު ދެމުން، ކަންބަޅި ގެންގުޅުނު ދަނޑުވެރިޔާ ޖޫލިއަން ޓްރަސްޓިއަން ބުނީ، އޭނާ އަށް ކެމަރޮން ގުޅުއްވުމުން އަވަހަށް ކަންބަޅި ސަލާމަތްކުރުމަށް ދިޔަ އިރު ގައުމުގެ ބޮޑުވަޒީރު ހުންނެވީ ޗަކަގަނޑުގެ ތެރޭގައި ކަމަށެވެ.

ގެނބެމުންދިޔަ ކަންބަޅި ޗަކަގަނޑުން ސަލާމަތްކުރުމަށް ފަހު، މިހާރު ކަންބަޅީގެ ހާލު ރަނގަޅު ކަމަށް ޖޫލިއަން ޓްރަސްޓިއަން ބުނެ އެވެ.