02 Apr 2013, 09:42
ޔަންގުން (މާޗް 2): މިޔަންމާގެ ޔަންގުންގައި ހުންނަ މުސްލިމުންގެ ދީނީ މަދްރަސާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 13 ކުއްޖަކު މަރުވެ އެތައްބަޔަކު ފިހިއްޖެ އެވެ.
އަލިފާނުގެ މިހާދިސާގައި މަދްރަސާގެ ޢިމާރަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް އިމާރާތް މުޅިން ވެއްޓިފައެއްނުވެ އެވެ. ސަލާމަތީ ބާރުތަކުން އަލިފާންގަނޑު ނިއްވާލި އިރު އިމާރާތް ވަނީ މުޅިން ކަހަލަ ގޮތަކަށް ހަލާކުވެފައި ކަމަށް ޚަބަރު ލިބެ އެވެ.
މިޔަންމާގެ ފުލުހުން ބުނާގޮތުން މިއީ ބަޔަކު ގަސްދުގައި ހިންގި ޢަމަލެއްނޫނެވެ. މިހާތަނަށް ބެލިބެލުމުން މިއީ ކަރަންޓް ޝޯޓެއްގެ ސަބަބުން އުފެދުނު އަލިފާން ގަނޑެއް ކަމަށް ފުލުހުންގެ ތަރްޖަމާނެއް ކަމަށްވާ ތީތު ލުއިން ވިދާޅުވި އެވެ. މިޔަންމާގެ މުސްލިމުން ހިންގާ މިމަދްރަސާއަކީ މުސްލިމުންގެ ބޮޑު މިސްކިތަކާ ގުޅިފައިވާ މަދްރަސާއެކެވެ.
މިމަދްރަސާގައި މުސްލިމް ޔަތީމް ކުދިން ގެންގުޅޭ ޢިމާރާތެއް ވެސް ހިމެނެ އެވެ. އަލިފާން ރޯވުމާ އެކު ކިޔަވާކުދިން ކުޑަދޮރުތަކުން ފުންމާލައިގެން އަވަހަށް އިމާރާތުން ބޭރުވިކަމަށް ޚަބަރު ލިބެ އެވެ. އަލިފާން ރޯވިއިރު މުސްލިމް ޔަތީމް ކުދިންގެ 70 އަށްވުރެ ގިނަކުދިން ދެބުރީގެ އެއިމާރާތުގައި ތިބި ކަމަށްވެ އެވެ.
މިހާދިސާ ހިނގާފައިމި ވަނީ މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ކަންކޮޅުތަކުގައި އަނިޔާވެރި ޖަރީމާތަކެއް ހިންގަމުން ގެންދާ ދުވަސްވަރެއްގަ އެވެ. އެހެން ކަމުން އަލިފާނުގެ މިހާދިސާއަކީ ވެސް ބުޑިސްޓުންގެ ރޭވުމެއްގެ ދަށުން ހިންގާފައިވާ ޢަމަލެއް ކަމަށް މިމަދްރަސާ ހިންގާ ފަރާތުން ޝައްކު ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)