02 Apr 2013, 09:27
ޕިޔޮންގް ޔަންގް (މާޗް 2): އުތުރުކޮރެޔާގެ ނިއުކްލިޔާ ހަތިޔާރުގެ ޕްރޮގްރާމް ހަލުއިކަމާ އެކު ތަރައްގީކޮށް ގިނަ އަދަދަކަށް ނިއުކްލިޔާ ބޮމާއި ނިއުކްލިޔާ ވޯހެޑް އުފެއްދުމަށް އެގައުމުން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައި ވަނީ އުތުރުކޮރެޔާގެ ދިފާޢަށް ޓަކައި ވަރުގަދަ ނިއުކްލިޔާ ޑިޓަރެންޓެއް ބިނާކޮށް ގައުމުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރަށް ބަރޯސާކުރާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި ޕްލޭންތަކެއް އެގައުމުގެ ޕާލަމެންޓް (ސްޕްރީމް ޕީޕަލްސް އެސެމްބްލީ) އިން އިއްޔެ ތަސްދީގު ކުރުމުންނެވެ. އުތުރުކޮރެޔާގެ ގައުމީ ދިފާއުގައި ނިއުކްލިޔާ ހަތިޔާރަށް ބަރޯސާކުރާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި ޕްލޭންތަކުގައި ވަނީ އެގައުމުގެ ނިއުކްލިޔާ ހަތިޔާރުތައް އިތުރަށް ތަރައްޤީކޮށް ނިއުކްލިޔާ ހަތިޔާރުގެ ޢަދަދާއި ވައްތަރުތައް އިތުރު ކުރުމަށެވެ. މީގެތެރޭގައި މިސައިލާއި ސަބްމެރިން ފަދަ ތަކެތީގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރެވޭ ގޮތަށް ނިއުކްލިޔާ ވޯހެޑް ތަރައްގީ ކުރުމަށް އިސްކަން ދީފައިވެ އެވެ.
މިއީ ނިއުކްލިޔާ ހަތިޔާރު އިތުރަށް ތަރައްގީ ކުރުމަށާއި ނިއުކްލިޔާ ބާރު ވަރުގަދަ ކުރުމަށާއި ނިއުކްލިޔާ ޑިޓަރެންޓް (އައްޑަނަ) ވަރުގަދަ ކުރުމަށް އުތުރުކޮރެޔާ އިން ނިންމި ސްޓްރެޓީޖިކް ނިންމުމެއް ކަމަށް ވަނީ ބެލެވިފަ އެވެ. އުތުރުކޮރެޔާގެ ރަސްމީ ނޫސްއެޖެންސީ ޚަބަރުދޭ ގޮތުގައި ނިއުކްލިޔާ ހަތިޔާރު ހަލުއިކަމާއެކު ތަރައްޤީ ކުރުމަށް ޕާލަމެންޓުން ނިންމާފައި ވަނީ އުތުރުކޮރެޔާއަށް ބިރުދެއްކުމަށާއި އެގައުމަށް ޖެއްސުންކުރަމުން ގެންދާ ގައުމުތަކުން އިސްވެ ޢުދުވާނެއް ހިންގައިފި ނަމަ އެކަމަށް ނިއުކްލިޔާ ހަތިޔާރުން ރައްދުދީ އުދުވާން ހިންގާ ފަރާތެއް ފަނާކޮށްލެވޭ ވަރުގެ ނިއުކްލިޔާ ރައްދު ޙަމަލާތަކެއް ދިނުމުގެ ޤާބިލްކަން އުތުރުކޮރެޔާ ހޯދުމުގެ ބޭނުމުގަ އެވެ.
މިފަދަ ނިއުކްލިޔާ ބާރެއް ބިނާކޮށް "އުތުރުކޮރެޔާ އަށް އިސްވެ ޙަމަލާދޭ ދުޝްމަނުންނަށް ނިއުކްލިޔާ ހަތިޔާރުގެ ރަހަ ލައްވާލައިގެން މެނުވީ ނިއުކްލިޔާ ހަތިޔާރު ދޫކޮށްލަން ދުޝްމަނުން ނުވިސްނާނެ" ކަމަށްވެސް އުތުރު ކޮރެޔާގެ ނޫސް އެޖެންސީން ފެތުރި ބަޔާނުގައިވެ އެވެ. އުތުރުކޮރެޔާގެ ވެރިކަންކުރާ ކޮމިއުނިސްޓް ލޭބާ ޕާޓީގެ އެންމެ އިސްކޮމިޓީ ކަމަށްވާ ސެންޓްރަލް ކޮމިޓީން އިއްޔެވަނީ ޚާއްސަ ޖަލްސާއެއް ބާއްވާފަ އެވެ. އުތުރުކޮރެޔާގެ ޒަޢީމް ކިމް އުން ރިޔާސަތު ބެލެހެއްޓެވި މިޖަލްސާ އިން ނެރުނު ބަޔާނެއްގައި ނިއުކްލިޔަރ ހަތިޔާރު ސިފަކޮށްފައިވަނީ އުތުރުކޮރެޔާގެ އުންމަތަށް "އަމާން ކަމާއި ދިރުން ގެނަސްދޭ ލޭނާރު"ގެ ގޮތުގަ އެވެ.
އުތުރުކޮރެޔާ އިން މިހާތަނަށް ވަނީ ތިން ފަހަރެއްގެ މަތިން ނިއުކްލިޔާ ހަތިޔާރު ތަޖްރިބާކޮށްފަ އެވެ. މީގެތެރެ އިން އެންމެފަހުން ތަޖްރިބާކުރި ނިއުކްލިޔާ ބޮމަކީ ނިއުކްލިޔާ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ބާރުގަދަ ބޮމެއް ކަމަށް ޢަސްކަރީ ރިޕޯޓްތައް ބުނެ އެވެ. އުތުރުކޮރެޔާގައި ދިހަވަރަކަށް ނިއުކްލިޔާ ބޮމުގެ ސްޓޮކެއް ހުރިކަމަށް ހުޅަނގުގެ ޖާސޫސީ ފަރާތްތަކުން ލަފާކުރެ އެވެ. ގައުމީ ދިފާޢަށް ޓަކައި ނިއުކްލިޔާ ހަތިޔާރު އިތުރަށް ތަރައްގީކޮށް ނިއުކްލިޔާ ހަތިޔާރުގެ ވައްތަރުތައް ގިނަ ކުރުމުގެ ޕްލޭންތަކެއް އުތުރުކޮރެޔާގެ ޕާލަމެންޓުން ތަސްދީގު ކުރިއިރު އުތުރު ކޮރެޔާ އިން ވަނީ އެގައުމުގެ އަވަށްޓެރި ދެކުނު ކޮރެޔާ އާ ދެކޮޅަށް ހަނގުރާމައިގެ ޙާލަތު އިޢްލާންކޮށް ޢަސްކަރީ ލައިންތައް ކަނޑާލާފަ އެވެ. އަދި ދެކުނު ކޮރެޔާ އާއި ގުވާމް އާއި ހަވާއީ ގައިވާ އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރު ވެސް އުތުރު ކޮރެޔާ އިން ވަނީ ދީފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އުތުރުކޮރެޔާ ރުޅިއައިސްގެން އުޅޭ މައިގަނޑު ސަބަބަކީ އެމެރިކާ އާއި ދެކުނު ކޮރެޔާ ގުޅިގެން ދެކުނު ކޮރެޔާގައި ހިންގާ ޢަސްކަރީ ތަމްރީން ޕްރޮގްރާމްގެ ސަބަބުންނެވެ. މިޕްރޮގްރާމްގެ ދަށުން އެމެރިކާ ވަނީ ނިއުކްލިޔާ ބޮންއަޅަން ބޭނުންކުރާ ބާވަތުގެ ބީ ޓޫ މަރުކާގެ ޢަސްކަރީ މަތިންދާބޯޓު ވެސް ދެކުނު ކޮރެޔާއަށް ފޮނުވައި އެކަމުގެ ތަމްރީންވެސް ހަދާފަ އެވެ. ނަމަވެސް ތަޖްރިބާކާރުން ލަފާކުރާގޮތުގައި ކޮރެޔަން ޕެނިންސިއުލާގެ މަސްރަޙް ކިތަންމެ ވަރަކަށް ހޫނުވިޔަސް ދެކޮރެޔާގެ ދެމެދުގައި ހަނގުރާމައެއް ފެށުމުގެ ފުރްސަތު ވަރަށް ކުޑައެވެ. ސަބަބަކީ އުތުރުކޮރެޔާގައި ނިއުކްލިޔާ ހަތިޔާރު ހުރުމުން އެގައުމަށް ޙަމަލާދޭން އެމެރިކާއަށް ނުކެރޭނެތީ އެވެ. އަދި އެމެރިކާއާ ކުރިމަތިލައިގެން އުތުރުކޮރެޔާއަށް ވެސް ކާމިޔާބު ނުލިބޭނެތީ އެވެ.
އެމެރިކާއަކީ ބާރުގަދަ ގައުމުތަކަށް އިސްވެ ޙަމަލާދޭން ކެރޭގައުމެއްނޫން ކަމަށް ވަނީ ބެލެވިފަ އެވެ. އަދި އެމެރިކާ އަށް އުތުރުކޮރެޔާ ބަލިކޮށްލެވުނު ނަމަވެސް އެމެރިކާގެ ރަޙްމަތްތެރި ދެކުނު ކޮރެޔާގެ ބޮޑުބަޔަކާއި ދެކުނު ކޮރެޔާގައި އެމެރިކާ ރުކުރުވާލާފައިވާ 40 ހާސް ސިފައިންގެ ލަޝްކަރު ފަނާކޮށްލުމުގެ ޤާބިލްކަން އުތުރު ކޮރެޔާއަށް ލިބިފައިވާތީ ހަނގުރާމައަކަށް ދިޔުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)