02 Apr 2013, 09:26
ސަފާރީ އަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ދައްކާފައި ނުވާތީ އަރާފައިވާ ޖޫރިމަނާ އެކު ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ޕޮސައިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިން ހިންގި ސަފާރީއެއްކަމަށްވާ "ދަ މޯލްޑިވްސް މޮޒައިކް ސަފާރީ" އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓަށް ހުކުމް ކޮށްފައި ވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ "ދަ މޯލްޑިވްސް މޮޒައިކް ސަފާރީ" އިން ޓޫރިޒަމް ޓެކްސްގެ ގޮތުގައި 16،480 ޑޮލަރު ދައްކަން ޖެހޭ އިރު އެ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ދައްކާފައި ނުވާތީ އާއި ޓޫރިޒަމް ޓެކްސް ޝީޓް ކަނޑައެޅިފައިވާ ތާރީޚަށް ހުށަހަޅާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 142،000ރ. އަރާފައިވާ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެކުންފުނިން ޖުމްލަ ދައްކަން ޖެހޭ 396121.60ރ. 14 ދުވަހުގެ ތެރޭގައި މީރާ އަށް ދައްކައި ޚަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
"...މިފައިސާ އަކީ ޕޮސައިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކަން ޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި، 2013 މާޗް 31 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މިފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް އެއްކޮށް ދައްކާ ޚަލާސް ކުރުމަށް ޕޮސައިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޕޮސައިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.
ސަން އަށް މައުލޫމާތު ދެމުން "ދަ މޯލްޑިވްސް މޮޒައިކް ސަފާރީ" ގެ ވެރިފަރާތުން ބުނީ ޕޮސައިޑަން މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ތެރޭހައި އެ ކުންފުނިން ސަފާރީ ކުއްޔަށް ގެންގުޅުނު ހަ މަސް ދުވަހުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ 2011 ވަނަ އަހަރުގެ ތެރޭގައި ހަ މަސް ދުވަހުގެ މުއްދަތަަށް އެ ކުންފުންޏަށް ސަފާރީ ކުޔަށް ދޫކުރުމަށް ފަހު އެ މުއްދަތު ހަމަވުމުން މިހާރު އެސަފާރީ ކުއްޔަށް ދޫކޮށްފައި ވަނީ އެހެން ބަޔަކަށް ކަމަށެވެ.