އަންނަ އަހަރު ރާއްޖޭގައި ބާއްވާ ސާކް ސަމިޓަށް އައްޑު އަތޮޅުގައި ހަދާ ދަރުބާރުގޭގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ހިތަދޫގައި ހަދާ މަލްޓި ޕާޕަސް ކޮންވެންޝަން ސެންޓަރު ނުވަތަ ދަރުބާރުގޭގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް މަސައްކަތް ފައްޓަވާނެ ކަމަށެވެ.


"އަޅުގަނޑުމެންގެ ރޭވުމުގައި އޮތީ އަންނަ މަހުގެ 26 އެހާ ހިސާބުގައި މަސައްކަތް ފަށަން. އިރާދަ ކުރެއްވިއްޔާ އެ ހިސާބުގައި މަސައްކަތް ފަށައިގަނެވޭނެ،" ޒުހައިރު ވިދާޅުވި އެވެ.


‹އެންމެ ހާއްސަ ކަމަކީ މިއީ ވަގުތީ ތަނަކަށް ނުވުން. އަދި މިތަނަކީ ސާކް ސަމިޓަށް ފަހު ވެސް ބޭނުން ކުރެވޭ އައްޑު އަތޮޅުގެ މުހިންމު ލޭންޑްމާކަކަށް ވެގެން ދިއުން›


ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިސްވެރިންގެ ޖަލްސާގެ މައިގަނޑު ބައްދަލުވުންތަކާއި މަޝްވަރާތައް ހިތަދޫގައި ބޭއްވުމަށް ދަރުބާރުގެ އަޅަނީ އެ ރަށުން ޔޫތު މިނިސްޓްރީއަށް ދޫކޮށްފައިވާ 419 ނަމްބަރު ކޮއްޓާއި 118 ނަމްބަރު ކޮށީގެ ބިމުގަ އެވެ. ޒުހައިރު ވިދާޅުވީ ހުހަށް އޮތް ބޮޑު ހުސް ބިމުހައި 545157 އަކަފޫޓް ހުންނަ ކަމަށާއި އެ ބިމުގައި މަލްޓި ޕާޕަސް ކޮންވެންޝަން ސެންޓަރު ހަދާނީ ސާކް ސަމިޓް ފަދަ ދުނިޔޭގެ ފެންވަރުގެ އެނޫން ވެސް ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވޭ ފެންވަރުގައި ކަމަށެވެ.


"އެންމެ ހާއްސަ ކަމަކީ މިއީ ވަގުތީ ތަނަކަށް ނުވުން. އަދި މިތަނަކީ ސާކް ސަމިޓަށް ފަހު ވެސް ބޭނުން ކުރެވޭ އައްޑު އަތޮޅުގެ މުހިންމު ލޭންޑްމާކަކަށް ވެގެން ދިއުން،" ޒުހައިރު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ މި ދަރުބާރުގޭގައި ބޮޑު ކޮންވެންޝަން ހޯލަކާއި ސްޓޭޖާއި އޮފީސް އިމާރާތްތަކާއި ވިއައިޕީ ލޮބީ އާއި ބެންކްއެޓް ހޯލްތައް ފަދަ މަލްޓި ޕާޕަސް ކޮންވެންޝަން ސެންޓަރެއްގައި ހުންނާނެ ހުރިހާ ވަސީލަތްތައް ގާއިމުކުރާނެ ކަމަށެވެ.


ދެބުރިއަށް ހަދާ ދަރުބާރުގެ ގެއަށް މައިގަނޑު ގޮތެއްގައި ހަރަދު ކުރަނީ ދިވެހި ސަރުކާރުންނެވެ. ނަމަވެސް ޒުހައިރު ވިދާޅުވީ 10 މިލިޔަން ރުފިޔާ ހަރަދުކުރާ މި ދަރުބާރުގެ އެޅުމަށް ބޭރުގެ ފަރާތްކުން ވެސް އެހީވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.


މި މަސައްކަތް ކުރަނީ ކޮން ބައެއް ލައްވައި ކަމެއް ރައީސް އޮފީހަކު  ނުބުނެ އެވެ.


އަން އަހަރު ސާކް ސަމިޓު ރާއްޖޭގައި ބާއްވާއިރު، ސަމިޓް ބާއްވާނީ އައްޑު އަތޮޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ މި އަހަރުގެ މޭ މަހު ގައެވެ.


ރައީސް ވިދާޅުވެފައި ވަނީ ސާކް ސަމިޓްގެ އެއްބައި ފުވައްމުލަކުގައި އަނެއްބައި އައްޑުއަތޮޅުގައި ބާއްވަން ނިންމާފައިވާ ކަމަށާއި މިއީ ރާއްޖެ އަށް ލިބޭ ވަރަށްބޮޑު ފަހުރެއް ކަމަށް ވާނެ ކަމަށެވެ.