19:00


ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލުތައް ތަކުރާރުވަމުން ގޮސް، އެ މުއައްސަސާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ބުނެ އެމްޖޭއޭ އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.


ހަވީރުގެ އިދާރާ އާއި ދިޓީވީގެ މުވައްޒިފުންނަށާއި ނޫސްވެރިންނަށް އިއްޔެ ހަމަލާދީ މަރާމާރީ ހިންގައި، އެކަކުގެ ބުރަކައްޓަށް ވަޅިޖަހައި ޒަހަމްކޮށްލުމާ ގުޅިގެން މޯލިޑިވްސް ޖާނަލިސް އެސޯސިއޭޝަން (އެމްޖޭއޭއިން) ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ،ސިޔާސީ ބައެއް ލީޑަރުން މީޑިއާއަށް ގޮންޖައްސަވައި، މީޑިއާ އަށް ފުރައްސާރަކުރުމަށް ހިތްވަރުލިބޭ ގޮތަކަށް އާންމު ތަންތަނުގައި ވާހަކަ ދައްކަވަމުންދާ ދަޑިވަލެއްގައި، ޖަލުން ކުށްވެރިން ދޫކުރުމުގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށާއި އަދި ނޫސްވެރިންނަށް ދޭ އެ ފަދަ ހަމަލާތަކުގެ ސަބަބުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅި، ޕްރޮފެޝަނަލް ނޫސްވެރިކަމެއް ތަރައްގީނުވެ މީޑިއާ ވަޅުޖެހިގެން ހިނގައިދާނެކަމުގެ ބިރުވެރިންކަން އުފެދިފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.


ދިޓީވީގެ އިސް މުވައްޒަފުންތަކަކަށް އިއްޔެ ބަޔަކު ހަމަލާ ދީ މާރާމާރީ ހިންގައި، އެ ސްޓޭޝަނުގެ ތެރެއަށް ވަދެގަނެ ވަކި ޚަބަރެއް ނުކިޔުމަށް އިންޒާރުދިންތާ ތިން ގަޑިއިރު ނުވަނީސް، ހަވީރު ނޫހުގެ މުވައްޒަފަކު އޮފީހުން ނުކުތް ވަގުތާ ދިމާކޮށް، މަގުމަތިން އޭނާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުން އެއީ މީޑިއާގެ ބާރުކަނޑުވާލުމަށް ހިންގައިފައިވާ ހަޑިމުޑުދާރު އަމަލުތަކެއް ކަމުގައި ބުނެ، އެ އަމަލު ހަރުކަށި އިބާރާތުން އެ ޖަމިއްޔާއިން ކުށްވެރިކުރާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.