އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާފައިނަލްގެ ރިޕްލޭގައި ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު، އެކެއް ސުމަކުން ޔުނައިޓެޑް ބަލިކޮށް މުބާރާތުގެ ސެމީފަނަލަށް ޗެލްސީ ސަތުރުކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި މިއަދު ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 49 ވަނަ މިނިޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ، މިސީޒަންގައި ނިއުކާސަލް ޔުނައިޓެޑުން އެކުލަބަށް ބަދަލުވި ސެނެގާލްގެ އިތުބާރު ފޯވަޑް ޑެމްބާބާ އެވެ. ޔުނައިޓެޑްގެ ހާފުގެ މެދުތެރޭގައި ހުރެފައި، އެކުލަބުގެ ޑިފެންޑަރުންގެ ބޯމަތިން، ޔުނައިޓެޑްގެ ޕެނަލްޓީއޭރިޔާތެރެއަށް ހުއާން މާޓާ ނަގައިދިން ބޯޅަ، އެހާމެ ހިތްގައިމުކަމާއެކު ޑެމްބާބާ ވަނީ ޔުނައިޓެޑްގެ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ. އަދި އެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑް "ޑޮމެސްޓިކް ޑަބަލް" ހޯދުމަށް ކުރަމުންއައި މަސައްކަތްވަނީ ފެނަށް ގޮސްފައެވެ.

މެޗުގެ ފަހުހާފުގައި ޔުނައިޓެޑުންވެސް ވަނީ ޗެލްސީގެ ގޯލަށް ނުރަށްކާތެރި ހަމަލާ ތަކެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ޗެލްސީގެ ތަޖުރިބާކާރު ގޯލް ކީޕަރު ޕެޓާޗެކް ވަނީ އެހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރިން ޕްރިމިއާ ލީގުގެ ކޯޗުންގެ ތެރޭގައި ހިމެނޭ ދުވަސްވީ ދެ ހަތުރުން ކަމަށްވާ، ލިވަޕޫލްގެ ކުރީގެ ކޯޗް، ޗެލްސީގެ ރަފާ ބެނިޓޭޒްއާއި ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ވަނީ ސަލާމް ކޮށްފައެވެ. އެހެން ނަމަވެސް ކުއާޓާފައިނަލްގެ ފުރަތަމަ މެޗުގައި އޯލްޑް ޓްރަފޮޑްގައި ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރި މެޗުގައި ފާގަސަންވަނީ ބެނިޓޭޒާ ސަލާމްކުރުމަށް ދެކޮޅުހަދާފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ވެމްބްލީގައި ކުޅެން ހަމަޖެހިފައިވާ އެފްއޭ ކަޕް ސެމީފައިނަލުގައި ޗެލްސީއާ ވާދަކުރާނީ، މެންޗެސްޓާ ސިޓީ އެވެ. އަދި އޭގެ ކުރިން 13 ވަނަ ދުވަހު ސެމީފައިނަލްގެ އަނެއް މެޗުގައި ބައްދަލު ކުރާނީ ވިގަން އާއި މިލްވޯލްއެވެ.

ޗެލްސީއަކީ ހުސްވިއަހަރުގެވެސް އެފްއޭ ކަޕް ޗެމްޕިއަންއެވެ. މިއަހަރުގެ ތަށި ކާމިޔާބު ކުރެވިއްޖެ ނަމަ އެކުލަބަށް ހަތް ސީޒަންގެ ތެރޭގައި ފަސްފަހަރު އެތަށި އުފުލާލެވޭނެއެވެ. އަދި ހަމަ އެހެންމެ އެފްއޭކަޕްގެ ތާރީހުގައި މިހާތަނަށް މެޗަކުން ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑްވެސް އޮތީ ޗެލްސީއަށެވެ. އެގޮތުން މިހާރު އެކުލަބުވަނީ އެފްއޭ ކަޕްގެ މެޗަކުން ބަލިނުވެ، 29 މެޗު ކުޅެފައެވެ.